މޫސުން ރީތި ހިތްގައިމު ދުވަހެކެވެ. ވައި މަޑުވެފައި ކަނޑުވެސް އެހާ މަޑެވެ. އެތައް ދުވަހަކަށް ފަހު ރަށަށް ދެވޭތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ދަތުރު ކުރަމުން އައި ލޯންޗު ރަށުގެ ނެރުން ވަދެގެން ދިޔަ އިރު އާދަޔާ ޚިލާފު އުފާވެރިކަމެއް އަހަރެންނަށް އިހުސާސް ކުރެވެމުން ދިޔައެވެ. ލޯންޗު ރަށުގެ ބަނދަރާއި ކައިރި ކުރި އިރު އަހަރެން ހުރީ އާއިލާ މީހުން ކައިރިއަށް ދާހިތުން ކެތްމަދުވެފައެވެ .އަހަރެންނަށް މަރުހަބާ ކިޔުމަށްޓަކައި އަހަރެންގެ ކުޑަ އާއިލާވެސް ބަނދަރަށް އައިސް ތިއްބެވެ. ލޯންޗުން އަހަރެން ފޭބުމާ އެކު އަހަރެންގެ ބޭބެ އަހަރެންގެ ފޮއްޓާއި ދަބަހުގައި ހިފައިދިނެވެ. އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ މަންމަމެން ކައިރިއަށެވެ. އެންމެން އެއްކޮށް ގެއަށް ދާން ހިނގައިގަތީމެވެ.

ދުވަސްވަރަކީ އަހަރުގެ ބޮޑު ޗުއްޓީގެ ދުވަސްވަރު ކަމުން ބީރައްޓެހިން ތަކުން ރަށް ވަނީ ފުރިފައެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް ނުދަންނަ އެތައް މޫނެއް ފެނުނެވެ. ގޭގެ ހުސްކޮށް ހުންނަ ކޮޓަރިއެއްގައި ބަޔަކު ކުއްޔަށް އުޅޭ ކަމަށް މަންމަ ބުންޏެވެ. އަދި އެ ކޮޓަރީގައި ކުއްޔަށް ތިބީ ހުސް ފިރިހެނުން ކަމަށް ވެސް މަންމަ ބުންޔެވެ. މި ވާހަކައިގައި އަހަރެމެން ގޮސް ގެއާ ހަމަވި އިރަށް ގެއިން ނިކުމެގެން އައި ޒުވާނަކު ގޭގެ ބޭރުގައި ހުރި ސައިކަލަކަށް އެރި އެވެ. އަހަރެންގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. އެމީހާ އަހަރެން ދަންނަ މީހަކާ ހާދަ ވައްތަރެވެ. އެހެނަސް އޭނަ މިތަނުން ފެންނަން ވީ ކީއްވެހެއްޔެވެ؟ އެއީ އަހަރެމެން ގޭގައި ކުއްޔަށް ހުންނަ މީހެކޭ މަންމަ ބުނުމުން އަހަރެން އެކަމާ މާ ބޮޑަކަށް އަޅަ އެއް ނުލަމެވެ.

ގެއަށް ދިޔަ އިރު މަންމަ ހުރީ ވަރަށް ފުރިހަމައަށް ކާން ހަދާފަ އެވެ. އަހަރެން ވެފައި ހުރި ވަރުބަލިކަމުން ކާން އާދެވޭނީ ފެން ވަރާއިލައިގެންނޭ ބުނުމަށް ފަހު އަހަރެން ވަނީ ކޮޓަރި އަށެވެ. އެހާ ގިނަ ދުވަހަށްފަހު އަމިއްލަ ކޮޓަރިއަށް ވަދެވުމުން އުފަލުން އަހަރެންގެ ހިތް ފުރިގެން ދިޔަ އެވެ. ޖެހުނު ހިތްހަމައާއެކު އެނދު މައްޗަށް ވެއްޓި ގަނެވުނެވެ. އެހެން އޮއްވައި އަހަރެންނަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.

ކުއްލިއަކަށް އިވުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑެވެ. އަހަރެން ލަސްވެގެން މަންމަ އަހަރެންނަށް ގޮވަނީބާވައޭ ހިތަށް އެރިއެވެ. ދެން ބަލާލެވުނީ ކޮޓަރީގެ ދޮރު ހުރީ ތަޅު ލައިފައިތޯ އެވެ. ނޫނެކެވެ. ވެފައި ހުރި ވަރުބަލިކަމާއި ލިބުނު އުފަލެއްގެ ބޮޑުކަމުން ކޮޓަރި ދޮރު ތަޅުލާން ވެސް އަހަރެން ހަނދާނެއް ނެތެވެ. ދެން އެހެން ވީއިރު ދޮރުގައި ޓަކި ދިނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ދެވަނަ ފަހަރަށްވެސް ޓަކިދިން އަޑު އިވުނެވެ. މިފަހަރު އަހަރެން ދޮރު ހުޅުވީމެވެ. ކުރިމަތީގައި ހުރީ އިސްކޮޅުން ދިގު ރީތި ޒުވާނެކެވެ. އޭނާ ފެނުމާއެކު ކޮޅަކަށް ހިރިލާން ވެސް ނޭނގިފައި އަހަރެންނަށް ހުރެވުނެއެވެ. ޤަބޫލުކުރަން ދަތިވިޔަސް މިއީ ޙަޤީޤަތެވެ. އާނކެވެ. އެއީ ހަމަ އާޒިމެވެ. އަހަރެންނަށް އޭނަ އޮޅޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ އެ މީހަކަށް އަހަރެންގެ ހިތް ދެވުނު ހަމަ އެކަނި މީހާ އެވެ.

ވަގުތުން އަހަރެންނަށް މާޒީގެ ތެރެއަށް ފީނާގަނެވުނެވެ. އަހަރެންގެ ހަނދާނަށް އައީ އަހަރެން އާޒިމަށް ލޯބި ހުށަހަޅަން ދިޔަ ދުވަހެވެ. ދެ މީހުންނަށް ވެސް އެކަކު އަނެކަކު އެނގެއެވެ. އެއް ކޮލެޖެއްގައި ކިޔަވާތީ އޭނައަށް އަހަރެން އެނގުނު ނަމަވެސް އަހަރެންގެ މާ ގިނަ މަޢުލޫމާތެއް އޭނަ އަކަށް ނޭނގޭނެއެވެ. އާޒިމްގެ ހުންނަ ފިރިހެންވަންތަކަމާއި އެ ހެދިހުރި ހަށިގަނޑަށް އަހަރެންގެ ހިތް ދޫވިއެވެ. އާޒިމްގެ އުޅުން ހުންނަ ގޮތުން އޭނައަށް ވެސް އަހަރެން ކަމުދާކަން އަހަރެންނަށް އެނގުނެވެ. އާޒިމުގެ ރައްޓެހިންވެސް އަހަރެން ކައިރީ އާޒިމްގެ ވާހަކަ ދެއްކިއެވެ. އާޒިމް އަހަރެންނާމެދު އެހެން ކުދިންނާ ތަފާތު ގޮތެއް ގެންގުޅޭކަން އެމީހުންނަށްވެސް ފާހަގަ ކުރެވިގެންނެވެ. އެންމެ ފަހުން ވީ އަހަރެމެންގެ ދެމެދު އޮތް ގުޅުމަކީ ލޯބިކަން ނޭނގެނީ އާޒިމަށް އެކަނިކަމަށެވެ. އެހެންވެ އާޒިމަށް ރޭކާލައިގެން ލޯބި ހުށައަޅައިތޯ ބަލަން އަހަރެން ދުވަސްކޮޅަކު މަޑުކުރީމެވެ.

އާޒިމަކީ ފޮޓޯނަގާ ހިތްވާ މީހެކެވެ. ދަތުރުކުރުމަށް މަރުދޭ މީހެކެވެ. ނަމަވެސް އަހަރެން މިޒާޖުގެ ގޮތުން އޭނައާ ދިމާ އިދިކޮޅެވެ. އަހަރެން ބޭނުންވަނީ ކިޔަވައި ނިމިގެން އައިސް ރަށަށް ޚިދުމަތް ކުރަން ރަށުގައި މަޑުކުރާށެވެ. މިޒާޖުގެ ތަފާތުތަކެއް ހުއްޓަސް އަހަރެމެންނަށް އެކީ އުޅެވިދާނެކަމަށް އަހަރެންނަށް ހީކުރެވުނެވެ. އޭނައާއި އިނދެވިއްޖެނަމަ ވާންޖެހުނު ޤުރުބާނީއެއް ވާން އަހަރެން ތައްޔާރެވެ. އޭނަ ދަތުރުކުރަން ދަންދެން ދަރިން ބަލަން އަހަރެން ރަށުގައި މަޑުކޮށްފާނަމެވެ. ވީޑިއޯ ކޯލުން ވިޔަސް ވަރިހަމައެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް އަހަރެންނާ ވާހަކަދަށްކަން އޭނައަށް ހުސްކުރެވިދާނެއެވެ. ދަތުރުކުރަން ދިޔަނަމަވެސް އަބަދަކު ރަށުން ބޭރުގައެއް އޭނަވެސް ނޫޅޭނެތާއެވެ. ޗުއްޓީއަށް ނަމަވެސް އަހަރެންގެ ގާތަށް އަންނާނެތާއޭ ހިތަށް އެރިއެވެ. އެވަރުވެސް އަހަރެންނަށް ފުދޭނެއެވެ. އެހާވެސް އަހަރެން އާޒިމް ބޭނުމެވެ. އެހެންވެ ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް އިސްވެ ލޯބި ހުށައަޅަން އަހަރެން ނިންމީމެވެ.

އަހަރެން އެދުވަހު އާޒިމްގެ ގެއަށް ދިޔައީވެސް އެ މަޤުސަދުގައެވެ. އަހަރެން ސަލާމް ގޮވީމެވެ. ދޮރުމައްޗަށް އަރަމުން އާޒިމް ސަލާމް ބަލައިގަތެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އާޒިމްގެ ކޮނޑުގައި އޮތް ދަބަހެވެ.

"އާޒިމް ފުރަނީތަ؟" ހައިރާންކަމާއެކު އަހަރެންނަށް އަހައިލެވުނެވެ.

"އާނ. ރިސޯޓުން ފޮޓޯގްރަފާއެއްގެ ޖޮބް ލިބިގެން މިދަނީ. އަހަރެން ބުނިން ޝިނާންމެން ކައިރިވެސް. ނާޝްއަކަށް ނޭނގޭތަ؟"

"ނޫން. އެނގޭ" ރަކިނުވާންވެގެން އަހަރެން ބުނީމެވެ.

"އެހެންވެ އާޒިމް ފުރުމުގެ ކުރިން ދިމާވޭތޯ މިއައީވެސް" ދެލޮލަށް ޖަމާވި ކަރުނަތަށް ފޮރުވަމުން އަހަރެން އިސްޖަހާލީމެވެ.

"އެހެންތަ؟ ހާދަ ރަނގަޅޭ." ސަލާމަށް އަތް ދިއްކޮށްލަމުން އާޒިމް ހިނިތުންވެލިއެވެ.

އަހަރެންވެސް ގަދަކަމުންނަމަވެސް ހިނިތުން ވެލަމުން ސަލާމްކޮށްލީމެވެ. އެއަތުން ދޫކޮށްލަން ދުވަހަކުވެސް އަހަރެން ނޭދެމެވެ. އެހެނަސް އާޒިމް ހުރީ ދާން ލަސްވެފައެވެ.

"އަދި މަޑުކޮށްބަލަ" އަހަރެންގެ އަޑަށް އާޒިމް ފަހަތް ބަލައިލިއެވެ.

"ބާއްޖަވެރި ދަތުރަކަށް އެދެން" އާނއެކެވެ. ލޯބިވާ ވަހަކަ ބުނާކަށް އަހަރެންނަކަށް ނުކެރުނެވެ. ހުރިހާ އެއްޗަކަށް ވުރެ އާޒިމަށް މުހިންމީ އޭނާގެ ހުވަފެންތައްކަން އަހަރެންނަށް ވުރެ ރަނގަޅަށް އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ އެދެމެދަށް ހުރަހަކަށް ވާން އަހަރެން ބޭނުމެއް ނޫނެވެ.

"ހިތްހެޔޮ ކުރާތި" އާޒިމްގެ އެންމެ ފަހު ޖުމްލައަކީ އެއީއެވެ.

އަހަރެން ބޯޖަހައިލީމެވެ. ކޮށްފައިހުރި އަސަރެއްގެ ބޮޑުކަމުން އަޑު ނުނުކުންނާނޭކަން އެނގޭތީއެވެ.

ޚިޔާލަށް ގެއްލިފައި ހުރި އަހަރެންނަށް ހޭވެރިކަންވީ މަންމަގެ އަޑަށެވެ. އާޒިމްގެ އަތުގައި އޮތް ދަބަސް އަހަރެންނަށް ފެނުނީ ދެނެވެ. މަންމަ ފެނުމާއެކު އާޒިމް އެ ދިމާއަށް ހިނގާގަތެވެ. އާޒިމް ފެނުމުން މަންމަ ހިނިތުންވެލި އެވެ. އާޒިމް ގޮސް ހުއްޓުނީ މަންމަގެ ގާތުގައެވެ. އަދި ސަލާމް ކޮއްލަން އަތް ދިއްކޮއްލަމުން "ދައްތާ، އަހަރެން ފުރަން މިދަނީ. ދައްތަ ކޮއްދިން ކަންތައްތަކަށް ވަރަށް ބޮޑަށް ޝުކުރިޔާ. ހިތްހެޔޮ ކުރާތި" މިހެން ބުނެލުމަށްފަހު އާޒިމް ނުކުމެގެން ދިޔައީ އެވެ. ފަސް އެނބުރި އަހަރެންނާ ދިމާލަށް އޭނަ ބަލާވެސް ނުލައެވެ.

އަނެއްކާވެސް އަހަރެންނަށް އާޒިމް ގެއްލުނީ އެވެ. ލޯބި ވާ ވާހަކަ ބުނަން ލިބުނު ދެވަނަ ފުރުސަތުވެސް ގެއްލުނީއެވެ. ނަމަވެސް އަހަރެން އާޒިމް ކުށްވެރިއެއް ނުކުރަމެވެ. އަހަރެންނަށް އަހަރެންގެ ފުރަތަމަ ލޯބި ޙާސިލް ނުވީ އަހަރެންގެ ފިނޑިކަމުންނޭ ބުނެވިދާނެވެ. ނަމަވެސް ޤުރުބާނީއަކީވެސް ލޯބިކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަހަރެން މީހަކާ ނީނދެ މި ހުންނަނީ އާޒިމްގެ އިންތިޒާރުގައެވެ. އެކަމަކު މިހާރު ހިތަށް އަރައެވެ. އާޒިމް އުޅެނީ މީހަކާ އިނދެގެން ނޫންބާވައެވެ. ދަރިޔަކުވެސް ލިބޭހާ ދުވަސް ވެއްޖެވެ. ދެން އަނެއްކާވެސް އަހަރެންނާ އާޒިމާ ދިމާވާނީ ކޮންތާކުން ކޮން ގޮތަކަށް ކަމެއްވެސް ނޭނގެއެވެ. އަހަރެން ދެން އާޒިމަށް އިންތިޒާރެއް ނުކުރާނަމެވެ. ލޯބި ނުވާތީއެއް ނޫނެވެ. އަހަރެން އާޒިމްދެކެ ވީ ލޯތްބަށް ވުރެ އާޒިމް އޭނާގެ ހުވަފެންތަކަށް ކުރާ ލޯބި މިއަދުވެސް ހާސް ގުނަ އިތުރުކަން ޔަޤީން ވީމައެވެ. އަދިވެސް އަހަރެން އާޒިމް ބޭނުމެވެ. އެ ލޯބި ނުލިބުނަސް އަބަދަށްވެސް އަހަރެން އާޒިމަށް ހިތްހެވެ.

ނިމުނީ.