ކޮވިޑް-19 މާލޭގައި ފުތެރެމުން ދާތީ ލޮކްޑައުން ކޮށްފައި ވާ ހާލަތުގައި މަގުމަތީގައި އުޅުމުގެ ހުއްދަނެތް ފަރާތްތަކަށް ޕެޓްރޯލް ޝެޑުން ހިދުމަތް ދޭ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް މާލެއިން ޕެޓްރޯލްގެ ހިދުމަތް ދެމުން އަންނަނީ ފަތާ ޓްރެކް (ސްވިމިން ޓްރެކް) ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުންނެވެ. އެ ޝެޑް އިއްޔެ ރޭ ބަންދުކޮށް ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ވަނީ ހިދުމަތް އިއްޔެ ހަވީރާ ހަމައަށް ހިދުމަތް ދީފައެވެ. އަނެއްކާވެސް އިއްޔެ ހަވީރު ފަތާ ޓްރެކް ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ހިދުމަތް ދޭން ފެށިގޮތަށް ބަންގި ވަގުތަށް މެދުކެނޑުމެއް ނެތި އަދި މަގުމަތީގައި ނުކުމެ އުޅުމަށް އެޗްޕީއޭއިން ދީފައިވާ ހުއްދަ ނުވަތަ ފުލުހުން ދީފައިވާ ހުއްދަތަކަށް ބެލުމެއް ނެތި ހިދުމަތް ދީފައި ވެއެވެ.

އެގޮތުން މަގުމަތީ އުޅުމުގެ ހުއްދައަށް ބެލުމެއް ނެތި އަންނަ ހުރިހާ ކަސްޓަމަރުންނަށް ޕެޓްރޯލް އެޅުމަށް މެނޭޖްމަންޓުން އަންގާފައި ވާތީ އެ ގޮތަށް މުވައްޒަފުން ހިދުމަތް ދީފައިވާ ކަމަށް މުވައްޒަފުން ބުނެއެވެ. ނަމަވެސް ކުރިން ހިދުމަތް ދިނީ ލޮކްޑައުންނަށް ފަހު ހާއްސަ ހުއްދަ ދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ މުވައްޒަފުން ބުނެއެވެ.

މިކަމާ ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، ކުރިން ހިދުމަތް ދެމުން އައީ ހުއްދަތަކަށް ބަލަމުން ކަމަށެވެ. ނަމަވެސް ލޮކްޑައުންގެ ވަގުތުގައި ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް ޕެޓްރޯލް ނުލިބޭ ޝަކުވާތަކެއް ފުލުހުންނަށް ލިބިފައި ވާތީ އެކަން އެ ކުންފުންޏަށް އެންގި ކަމަށް ގަސަމް ވިދާޅުވިއެވެ. އެހެންކަމުން ހުއްދަތަކަށް ބެލުމެއް ނެތި އަންނަ ހުރިހާ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.

"އެކި ބޭފުޅުންނަށް މިވަނީ އެކި ކަހަލަ ހުއްދަ ދީފައި ބައެއް ކުންފުނިތަކުން ދީފައިވާ ފާހާއެކުގައިވެސް މާލެތެރޭގައި އުޅުމުގެ ހުއްދަ ވަނީ ދީފައި، އެފަދަ މީހުންނަށް ޕެޓްރޯލެއް ނުލިބޭ. ޓްރެފިކް ޕޮލިހުން އަޅުގަނޑުމެންނަށް ގުޅާފައި ދެންނެވީ، އެކަހަލަ ޝަކުވާތަކެއް އެބަ އާދެއޭ. އެެހެންވީމަ އަޅުގަނޑު ދެންނެވީން ކޮންމެހެން ފާސްތަކަށް ބަލާނެކަމެއް ނެތޭ. މަގުމަތީ އުޅެންޖެހޭ. ބެލުމުގެ މަސްއޫލިއްޔަތަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް ނޫނޭ. އެކަން ބަލާނީ ޕޮލިހުންނޭ."
މުހައްމަދު ގަސަމް

މާލޭގައި މިވަގުތު އެންމެ ޕެޓްރޯލް ޝެޑެއް ހުޅުވާފައި ވާ އިރު ޕެޓްރޯލް އެޅުމުގެ މަސައްކަތް ކުރާ މުވައްޒަފުން 40 އާ ގާތްކުރާނެ ކަމަށް އެ ތަނުގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ. އެގޮތުން މި ދަނޑިވަޅުގައި 3 މިވައްޒަފުން ނެރެ އަންނަ ހުރިހާ ވެހިކަލަކަށް ހިދުމަތް ދޭން ޖެހުމުން ރެސްޓެއް ނެތި މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެއީ ބުރަ ކަމެއް ކަމަށް އެ ފަރާތުން ބުނެއެވެ. މީގެ އިތުރުން ޕެޓްރޯލް ޝެޑްއިން ހިދުމަތް ދިނުމަށް މުވައްޒަފުން މަސައްކަތަށް ނެރުމުގައިވެސް ހިތްހަމަ ނުޖެހޭ ކަންކަން ހުރިކަން ފާހަގަކުރިއެވެ. އެ ގޮތުން އެއް އަހަރު ނުވާ ތުއްތު ކުދިންގެ މަންމަ އިން ވަޒީފާއަށް ނެރުމުގެ ނުތަނަވަސްކަން އޮތްކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޕީއޭއާއި ޕޮލިހުން ދީފަިއވާ ހުއްދަތަކަށް ބަލައިގެން ޕެޓްރޯލް އަޅައިދެމުން ދިޔަ އިރު، ގިނަ އަދަދެއްގެ މީހުން ހުއްދައާ ނުލައި އައުމުން ޕެޓްރޯލް އަޅައި ނުދީ ފޮނުވާލާފައި ވާނެ ކަމަށް އެ މުވައްޒަފުން ފާހަގަ ކުރިއެވެ. ޕެޓްރޯލް ޝެޑްގައި މަސައްކަތް ކުރަމުން އަނަން މުވައްޒަފުން މިވަގުތު އެތަނުގައި ހިދުމަތް ދެމުން އަންނަ އިރު ތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.

އިއްޔެ ހުޅުމާލެ ޕެޓްރޯލް ޝެޑާއި ފަތާ ޓްރެކް ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑް ވަނީ ބަންދުކޮށް މުވައްޒަފުންވެސް ގެއަށް ދިޔަ ނުދީ ބައިތިއްބާފައެވެ. އެގޮތަށް ކަންކޮށްފައި ވަނީ ކޮވިޑަށް ޝައްކު ކުރެވޭ ފަރާތެއްގެ ޑައިރެކްޓް 2 ކޮންޓެކްޓުން އެ ތަނުގައި މަސައްކަތް ކުރާތީ ކަމަށް މުވައްޒަފުން ބުނެއެވެ.

މިކަމާ ގުޅިގެން ގަސަމް ވިދާޅުވީ، އެތަނުގައި މަސއްކަތް ކުރާ މުވައްޒަފެއްގެ ފިރިއަކު ޕޮޒިޓިވް ވި ކަމަށް އެޗްޕީއޭއިން ބުނި އިރު ހަވީރު ވެއްޖެ ކަމަށެވެ. ނަމަވެސް އިއްޔެ ޕޮޒިޓިވް ވި ފަރާތުގެ އަންހެނުން ވަޒީފާއަށް ނުނިކުންނަ ކަމަށް ގަސަމް ވިދާޅުވިއެވެ. އަދި ހަމަ އެއާއިލާގެ އިތުރު މެންބަރެއް އެފްއެސްއެމްގައި މަސައްކަތް ކުރާ ކަމަށާއި އެ ކުޖާ އަކީ ހުޅުމާލެ ސެޑަށް ފޮނުވި ކުއްޖާ ކަމަށް ގަސަމް ވިދާޅުވިއެވެ. އަދި ގެއަށް ދާން ބޭނުން ނުވި މުވައްޒަފުންނަށް އެކޮމޮޑޭޝަންއާއި ކެއުން ކުންފުނީގެ ފަރާތުން ހަމަޖައްސަވާ ފައިވާ ކަމަށް ގަސަމް ވިދާޅުވިއެވެ.