މާލޭގައި މިހާރު މިއޮތް ހާލަތު ދެމިއޮންނަ ކަމަށް ވާނަމަ ރޯދަމަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ރޯދަމަހާ ގާތްވެފައި ވަނިކޮށް ރޯދަމަހު ތަރާވީހު ނަމާދު ނުކުރެވުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި މިހާރު މާލޭގެ ހާލަތު މިއޮތް ގޮތަށް ދެމިއޮންނަ ކަމަށް ވާނަމަ މިސްކިތްތަކުގައި ތަރާވީހު ނަމާދު ނުކުރެވޭނެ ކަމަށާއި އެހެންކަމުން ގޭގައި ތިބެގެން ތަރާވީހު ނަމާދު ކުރުމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު އަތޮޅުތެރޭގައި މިހާރު މިއޮތް ހާލަތު ދެމިއޮވެއްޖެ ނަމަ އެ ރަށްރަށުގައި މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ހާލަތު ގޯސްވެއްޖެ ނަމަ އަތޮޅުތެރޭގައި ވެސް މިސްކިތްތަކުގެ ޖަމާއަތުގައި ތަރާވީހު ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފިތުރު ޒަކާތް ދެއްކުމުގެ ކަންކަން ގޭގައި ހުރެގެން ކުރެވޭނެ ގޮތަށް ހަމަޖައްސަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެގޮތުން ދިރާގާއި އުރީދޫ އަދި ބީއެމްއެލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތަށް ހަމަޖެހިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދާއި މިހާރު އަރާފޭބުން މަނާކޮށްފައިވާ ރިސޯޓުތަކުގައި މި މަހުގެ ނިޔަލަށް މިސްކިތުގައި ޖަމާއަތުއި ނަމާދުކުރުން މަޑުޖައްސާލަން ވަނީ އަންގާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި އަންނަ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދާ ހަމައަށް މިސްކިތަތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ވެސް ވަނީ އަންގާފައެވެ.