ޔުނައިޑެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ ދިވެހިންނަށް ފޮނުވާ ކެއާ ޕެކޭޖުތައް ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މާލެ ސަރަހައްދު މިވަގުތު ލޮކްޑައުން ކުރުމާއި ގުޅިގެން، ޔޫއޭއީ އަށް ފޮނުވާ ކެއާ ޕެކޭޖުތައް ބަލައިގަތުން މިވަގުތަށް ވަނީ މެދުކަނޑާލާފައި ކަމަށެވެ. އަދި ޕެކޭޖްތައް ބަލައިގަންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް ފޮނުވާ ކެއާ ޕެކޭޖުތައް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި އޮތީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު 15:00 ގެ ނިޔަލަށެވެ. ނަމަވެސް މިއަދު 15:30 އާ ހަމައަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ކެއާ ޕެކޭޖުތައް ބަލައިގަތުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޔޫއޭއީގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ފޮނުވާ ކެއާ ޕެކޭޖުތައް ފޮނުވަން ނިންމާފައިވަނީ މާދަމާ ޔޫއޭއީއަށް ދަތުރުކުރާ މޯލްޑިވިއަންގެ ފްލައިޓެއް މެދުވެރިކޮށެވެ.

ސަރުކާރުން މިހާތަނަށް ވަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ތިބި އާއިލާ ތަކަށްވެސް ކެއާ ޕެކޭޖް ފޮނުވާފައެވެ. އެގޮތުން އިންޑިއާއަށް ކެއާ ޕެކޭޖު ފޮނުވަން ހުޅުވާލި ފުރުސަތުގައި 144 އާއިލާ އަކަށް ޕެކޭޖް ވަނީ ފޮނުވާފައެވެ. އަދި ލަންކާއަށް 622 ޕެކޭޖު ފޮނުވާފައި ވާއިރު، މެލޭޝިއާއަށް ވަނީ 452 ކެއާ ޕެކޭޖް ފޮނުވާފައެވެ.