ހުޅުމާލެ ފަޅުތެރެއިން އިއްޔެ އެކަނިވެސް 20 ޖަމްބޯ ބޭގުގެ ކުނި ނަގައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އިއްޔެ އެކަނިވެސް ހުޅުމާލެއިން 20 ޖަމްބޯ ބޭގުގެ ކުނި ނަގާފައިވާ ކަމަށެވެ. އެގޮތުން، އެ ކޯޕަރޭޝަނުން ވަނީ، އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދު ކުރުމަށާއި، މަގުމައްޗަށާއި މޫދަށް ކުނި ނޭޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އެޗްޑީސީން ހުޅުމާލެ ފަޅުތެރެ ސާފުކޮށްފައިވާއިރު، ހުޅުމާލެ ފަޅުތެރޭގައި ގިނަ އަދަދަކަށް ކުނި އޮތްތަން ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެގޮތުން މި ފޮޓޯތަކާ ގުޅިގެން، އެޗްޑީސީ ފެއިލް ވެފައިވާ ކަމަށް ބުނެ އާންމުންގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފައެވެ. ނަމަވެސް، ހުޅުމާލޭ ފަޅުތެރެއަށް ކުނި ޖަމާވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން މީގެ ކުރިން

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވެފައިވާ މައްސަލަ އެޗްޑީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި އެޗްޑިީސީގެ ފަރާތުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ސުހައިލް ވިދާޅުވީ އެއީ ގިނަ ދުވަހުން ވީ ކަމެއް ނޫންކަމަށާއި އެއީ ކުއްލިއަކަށް ވީ ކަމެއް ކަމަށެވެ. އެކަން ތަފްސީލް ކޮށްދެއްވަމުން ސުހައިލް ވިދާޅުވީ، ދެ މޫސުމް ބެދޭ މި ދުވަސްކޮޅު އޮއެވަރު ހުންނަ ގޮތުން ކޮންމެވެސް އެހެން ތަނަކަށް އަޅާފައިވާ ކުނިތަކެއް އައިސް ހުޅުމާލެ ފަޅުތެރެއަށް ވަންނަނީ ކަމަށެވެ.

މޫދަށް ކުނި އެޅުމަކީ ތިމާވެއްޓަށް ގެއްލުންވާނެ ކަމެއް ކަމަށާއި މޫދާއި ކަނޑުގެ ދިރުންތަކަށް އޭގެ އަސަރު ކުރުމުން އިގްތިސޯދަށް ވެސް އަސަރު ކުރާނެ ކަމަށް ވާތީ މޫދަށް ކުނި ނޭޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. މޫދަށް ކުނި ނޭޅުމަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން އެތައް މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް އަދިވެސް މޫދަށް ކުނިއަޅާ މިންވަރު މަދު ނުވާކަން ވަނީ ފާހަގަ ވެފައެވެ.