ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން މާލެ ސިޓީގައި ދިރިއުޅޭ ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަނުން އެމީހުންނަށް ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންނެވެ. ރެޕިޑް ރެސްޕޮންސު ސެންޓަރާ ގުޅިގެން އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ އިމިގްރޭޝަނުންނެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާއި، އެމްއެންޑީއެފްގެ އިތުރުން އެޗްޕީއޭ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި، މާލޭ ސިޓީ ކައުންސިލާއި ގުޅިގެން ބިދޭސީން ވަގުތީ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ފަށާފައެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ ބިދޭސީން ތިބުމަށް ހަމަޖައްސާފައިވަނީ އެޗްޑީސީއިން ހުޅުމާލޭގައި ހަމަޖައްސާފައިވާ ހާއްސަ ފެސިލިޓީއެއްގައި ކަމަށެވެ. އަދި އެފެސިލިޓީގައި 1000 މީހުންނަށް ތިބެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މީގެ އިތުރަށް އިމިގްރޭޝަނުން ބުނީ، ބިދޭސީން ވަގުތީ ފެސިލިޓީއަކަށް ބަދަލުކުރުމަށް އެ ފެސިލިޓީއަށް ގެންގޮސް ރެޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާ ކަމަށާއި، ބިދޭސީން އެތަނުގައި ދިރިއުޅެން ފެށުމާއެކު އެތަން ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ހަމައެކަނި މިއަދުވެސް އެ ފެސިލިޓީއަށް 200 ބިދޭސީން ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފެސިލިޓީގައި ތިބޭ ބިދޭސީންގެ ކެއުމުގެ ކަންތައްތައްވެސް ބަލަހައްޓާނީ އެޗްޑީސީއިން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އިމިގްރޭޝަނުން ބުނީ، ބިދޭސީން އެ ފެސިލިޓީއަށް ބަދަލުކުރި ނަމަވެސް އެ ފަރާތްތަކުން ވަޒީފާއަށް ގޮސް އުޅުމަށް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ.

މާލެ ސިޓީގައި ދިރިއުޅޭ ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަނުން އެމީހުންނަށް ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކޮވިޑް19 އާއި ގުޅިގެން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ރަޖިސްޓަރީވާން ދާދި ފަހުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އެ ފުރުސަތުގައި މިހާތަނަށް 837 މީހުން ގައުމަށް ދާން ރަޖިސްޓަރީ ވެފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވާލި ފުރުސަތުގައި މިހާތަނަށް 40،000 ބިދޭސީން ރަޖިސްޓަރީ ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވަނީ ރޭ ވިދާޅުވެފައެވެ. އަދި އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތް މީހުން ވަރަށް ގިނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ، އެމްބަސީ މެދުވެރިކޮށް އެ ބިދޭސީންގެ ލިޔެކިޔުން ހޯދައިގެން ވަޒީފާ ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު ލިޔުންތައް ހޯދުމަށް 4-5 މަސް ހޭދަވާ ކަމަށް ވިދާޅުވިއެވެ.