މިއަދު ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދެކެވެމުންދާ އެއް ވާހަކައަކީ ހުޅުމާޅެ ފަޅުތެރެއަށް ޖަމާވެފައިވާ ކުނިތަކުގެ ވާހަކައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯތަކުން ހުޅުމާލެ ފަޅު ކުނިގޮނޑަކަށް ވެފައި ވާ މަންޒަރު ފެންނައިރު އެންމެ ގިނައިން ފެންނަނީ ފެން ހުސްކުރި ޕްލާސްޓިކް ފުޅިއެވެ. ތިމާވެށި ހިމާޔަތް ކުރުމަށް އެތައް ވާހަކަތަކެއް ދެކެވެމުން އަންނަ އިރު މޫދަށް އެހާ ބައިވަރު ކުނި އަޅާފައި އޮތްތަން ފެނުމުން އެތައް ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ހުޅުމާލެ ފަޅުތެރެއަށް ކުނި އަލާ ފަރާތްތަކަށް ރައްދު ދެމުން އެތައް ބަޔަކު ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޑަސްބިން ބަހައްޓާފައި ހުރިކަން ހަނދާން ކޮށްދެމުން އެ ޑަސްބިނަށް ކުނިއެޅުމަށް ގޮވާލާފައެވެ. އަދި ހުޅުމާލޭގެ މިފަދަ ކަންކަން ބަލަހައްޓަމުންދާ ކުންފުނި ކަމުގައިވާ ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފެއިލްވެފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވެފައިވާ މައްސަލަ އެޗްޑީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި އެޗްޑިީސީގެ ފަރާތުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ސުހައިލް ވިދާޅުވީ އެއީ ގިނަ ދުވަހުން ވީ ކަމެއް ނޫންކަމަށާއި އެއީ ކުއްލިއަކަށް ވީ ކަމެއް ކަމަށެވެ. އެކަން ތަފްސީލް ކޮށްދެއްވަމުން ސުހައިލް ވިދާޅުވީ، ދެ މޫސުމް ބެދޭ މި ދުވަސްކޮޅު އޮއެވަރު ހުންނަ ގޮތުން ކޮންމެވެސް އެހެން ތަނަކަށް އަޅާފައިވާ ކުނިތަކެއް އައިސް ހުޅުމާލެ ފަޅުތެރެއަށް ވަންނަނީ ކަމަށެވެ.
މީގެ ކުރިންވެސް މާލޭގެ އެކި ސަރަހައްދު ތަކުން ފަޅުތެރެއަށް މިފަދައިން ކުނި ޖަމާވެފައި ހުންނަ ތަން ފެނެއެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މާލޭގެ ހުޅަނގުފަރާތު މޫދު ސަރަހައްދު ސާފުކޮށް ވަނީ ގިނަ އަދަދެއްގެ ފުޅި އާއި ދަޅު އަދި ދަގަނޑު ފަދަ އެއްޗެހި ނަގާފައެވެ.
މޫދަށް ކުނި އެޅުމަކީ ތިމާވެއްޓަށް ގެއްލުންވާނެ ކަމެއް ކަމަށާއި މޫދާއި ކަނޑުގެ ދިރުންތަކަށް އޭގެ އަސަރު ކުރުމުން އިގްތިސޯދަށް ވެސް އަސަރު ކުރާނެ ކަމަށް ވާތީ މޫދަށް ކުނި ނޭޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. މޫދަށް ކުނި ނޭޅުމަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން އެތައް މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް އަދިވެސް މޫދަށް ކުނިއަޅާ މިންވަރު މަދު ނުވާކަން ވަނީ ފާހަގަ ވެފައެވެ.