ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދުގެ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރި މުއްދަތު އިސްލާމިކް މިނިސްޓްރީން އަނެއްކާވެސް އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މާޗް މަހުގެ 18 ވަނަ ވާ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ ސަރަހައްދު އަދި ސަރުކާރުން އަރާ ފޭބުން މަނާކުރާ ހުރިހާ ރިސޯޓް ތަކެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުކުރުމަށް ނިންމާފައި އޮތް އޮތުން، މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާ ކޮށްފިނަމަ، އެރަށެއްގައިވެސް އެހާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ދަންނަވާފައެވެ. މިހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، އަދި ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގާފައި ވެއެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރި ވެފައެވެ.