ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް އިތުރު 3 ސައިކަލުގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ދ. ކުޑަހުވަދޫ މެރިން ޑްރައިވް މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު 6:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި ސައިކަލު ކޮންޓްރޯލް ނުވެގޮސް، އެމަގުގައި ހުރި ކެފޭއެއްގެ ކުރިމަތީގައި ޕާކް ކޮށްފައި އިން 3 ސައިކަލެއްގައި ޖެހިފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގި ވަގިތު ދުއްވާފައި ދިޔަ ސައިކަލުގައި 2 މީހުން ތިބި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ މީހާގެ ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށާއި، ސައިކަލުގެ ފަހަތުގައި އިން 18 އަހަރުގެ މީހާގެ ކަނާތު ފައިގެ ކުޑަހުޅުން ދުޅަވެ، ބޮލުގެ މަތިން ކުޑަ ތަންކޮޅެއް ފަޅައިގެން ގޮސްފައިވުމާއެކު ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ދުއްވާފައިދިޔަ ސައިކަލަށާއި ޕާކްކޮށްފައިހުރި ސައިކަލުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައު ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް ނޯންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.