ކޮވިޑް-19ގެ ބިރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކަށް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، އެކި ގައުމުތަކުގައި ކާބޯތަކެތި ލިބުމުގެ ދަތިކަން ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ކަންމިހެން އޮތްއިރު، މި ދަނޑިވަޅުގައި ރާއްޖެފަދަ އެހެން ގައުމުތަކަށް ބަރޯސާވެފައިވާ ކުޑަކުޑަ ގައުމަކަށް މިކަމުގެ ބިރުވެރިކަން ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިއީ، ކޮވިޑް-19 ފެތުރި ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ގައުމުތަކަސް އެކަން ހުއްޓާލުމަށް މަޖުބޫރުވާފަދަ ހާލަތަކަށް ތައްޔާރުވުމަށް ޖެހިފައިވާ ދަނޑިވަޅެކެވެ. ރާއްޖޭގެ އިގްތިސޯދު މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވީ ނަމަވެސް، ފަތުރުވެރިކަން ހުއްޓި، މަސް އެކްސްޕޯޓް ކުރެވޭ ދޮރުތަކަށް ހުރަސް އެޅެން ފެށުމުން، ދިވެހިންގެ ހިޔާލުވެސް އެހެން ދިމާލަކަށް އަނބުރާލަން ޖެހިއްޖެއެވެ. އެއީ ދަނޑުވެރިކަމެވެ.

ރާއްޖޭގެ ރަށްރަށުގައި ހުންނަ ފަހަކީ، ދަނޑުވެރިކަން ކުރެވޭނެ ފަދަ މުއްސަނދި ފަހެކެވެ. އެކިބާވަތުގެ ކާނާ، މޭވާ އަދި ތަރުކާރީ ފަދަ ތަކެތި އުފައްދައިގެން، އެތަކެތިން ފައިދާ ހޯދޭނެ ގާބިލުކަން ވެސް ދިވެހިންގެ ކިބައިގައި އެބަ ހުއްޓެވެ. އިހުގައި މިކަންކުރި ގޮތަށް މިއަދުގެ ޒުވާން ދަރިންނަށް ކުރަން ނޭނގިދާނެއެވެ. ނަމަވެސް، ދަސްނުކުރެވޭނެއެކޭ ނުބުނެވޭނެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ވެސް މިފަހަރު އަމާޒުހިފީ އެފަދަ ގޮތަކަށެވެ. ދަނޑުވެރިކަމަށް މީހުން އަހުލުވެރިކޮށް، އެކަމަށް ޝައުގު ހުރި ފަރާތްތަކަށް ފިލާވަޅުތަކެއް ނަގައިދީ ދަސްކޮށްދިނުމަށެވެ. އެގޮތުން، ޔޫޓިއުބް ވީޑިއޯތަކާއި ރިޕޯޓުތައް ތައްޔާރުކޮށް، އެ މިނިސްޓްރީން ވަނީ، ތަފާތު އެކި ބާވަތުގެ ތަކެތި ތައްޔާރު ކުރާނެ ގޮތާ ބެހޭ މައުލޫމާތު އާންމުކޮށްފައެވެ.

https://www.youtube.com/watch?v=-uPK1ujMUug

އެކި ބާވަތުގެ ތަކެތި އަމިއްލައަށް ހައްދާނެ ގޮތްތައް އެ މިނިސްޓްރީން ކިޔައިދީފައިވީ ނަމަވެސް، އަމިއްލައަށް އެކަން ކުރަން މަސައްކަތް ކުރުމުން، އެކަމުގައި ދަތިތަކަކާ ކުރިމަތިލާން ނުޖެހޭނެއެކޭ ނުބުނެވޭނެއެވެ. މިކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހައްލު ހޯދައިދީފައެވެ. ތަކެތި ހައްދާނެ ގޮތްތަކާއެކު އެކަމުގައި ދިމާވާނެ އުދަނގޫތަކާއި، ޖެހިދާނެ ބަލިތައް އަދި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކުރެވޭނެ ކަންކަން ވެސް އެ މިނިސްޓްރީން ކިޔައިދޭ ވީޑިއޯތަކެއް ވަނީ އާންމުކޮށްފައެވެ.

އެގްރިކަލްޗާ މިނިސްޓްރީގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް، ފަތްކެޔޮ، ކެބެޖު، މިރުސް، ތޮޅި، ފަޅޯ، ކިއުކަމްބާ، ކަރާގެ އިތުރުން ކޮޕީ ފަތް އަދި ލެޓިއުސް ހައްދާނެ ގޮތްތައް އެ މިނިސްޓްރީން ވަނީ ކިޔައިދީފައެވެ. މި ވީޑިއޯތައް ބަލައިގެން ދަނޑުވެރިކަމަށް އަހުލުވެރިވެ، މިކަން ކުރަމާ ހިނގާށެވެ. އިމްޕޯޓް ކުރުމުގެ ބަދަލުގައި އަމިއްލައަށް ހެއްދޭ އެއްޗެހި ހައްދައިގެން އެކަމުގައި ފައިދާ ލިބިގަންނަމާ ހިނގާށެވެ.