ބާޖެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިހުރަސް ކަނޑުތެރެއިން ބާޖެއް އޮޔާދާކަމުގެ މައުލޫމަތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށާއި އެ ސަރައްހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ ބާޖު، ކ.ގިރާވަރުގެ ދެކުނު ކަނޑުއޮޅިން ނުކުމެ އޮޔަށް ގެންދަނީ ހުޅަނގު ދެކުނަށް ކަމަށާއި ބާޖުގައި އެއްވެސް މީހަކު ނެތް އިރު އަލިކަމެއް ވެސް ނުހުންނާނެކަމަށް ބާޖުގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ އުޅަނދަކީ ދިގުމިނުގައި ގާތްގަނޑަކަށް 100 ފޫޓު ހުރި ދަގަނޑު ބާޖެކެވެ.

އެ ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވާއިރު، ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން އެ ސަރަޙައްދުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ބާޖެއް އޮޔާ ދާތީ އެމްއެންޑީއެފުން އިލްތިމާސް ކޮށްފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު މީހަކު ނެތް ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.