ކޮވިޑް-19 އާއި ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ސްޓޭޓް ކައުންސިލާ ވާންގް ޔީގެ އިތުރުން ޗައިނާ ސަރުކާރުން ދައްކާ ލީޑާޝިޕަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ތައުރީފް ކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު އެކަމަށް ތައުރީފު ކުރައްވާފައި ވަނީ އިއްޔެ ޗައިނާގެ ފޮރިން މިނިސްޓާ އަދި ސްޓޭޓް ކައުންސިލާ ވާންގް ޔީ އާ ފޯނުން ގުޅުއްވާ ވާހަކަ ދައްކަވަމުންނެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތާއި، ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު ޝާހިދު ވަނީ ޗައިނާގެ ފޮރިން މިނިސްޓަރާ ހިއްސާ ކުރައްވާފައެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއެކު އިއްޔެ ފޯނުން ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ޗައިނާގެ ޔުނާން ޕްރޮވިންސް އިން ދިވެހިރާއްޖެއަށް ހަދިޔާކުރިކަން ފާހަގަކުރައްވައި، އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.