މިދިޔަ ހޯމަދުވަހުގެ ރޭ މޫދަށް ފުންމާލި ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މުދިމުގެ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދެއެވެ.

އެމްއެންޑީއެފުން ބުނީ، މުދިމު ހޯދުމަށް ޑައިވްކޮށްގެން 96500 އަކަ މީޓަރު ބަލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ޑައިވްގައި، 66500 އަކަ މީޓަރު ބަލާފައިވާއިރު، ދެވަނަ ޑައިވްކޮށްގެން 30000 އަކަ މީޓަރު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މުދިމު ހޯދުމުގެ ގޮތުން ކޯސްޓް ގާޑް ލޯންޗުގައި މިހާތަނަށް 136،311،245 އަކަ މީޓަރު ކަނޑުގެ ސަރަހައްދު ބަލާފައި ވާނެ ކަމަށެވެ.

މިހާތަނަށް ކުރި މަސައްކަތުން މުދިމު ފެނިފައި ނުވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އެންއެންޑީއެފް ނޯތާން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަނުން ދަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ބުނީ އަދިވެސް މި އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާގެ މުދިމު މޫދަށް ފުންމާލާތަން ސީސީޓީވީން ފެނެއެވެ. އޭނާ ފޯން ކޯލް އެއްގައި ހުރެ، ރިސޯޓުގެ ސަޕްލައި ޖެޓީއަށް އަރާ ކަމަށާއި އަދި މޫދަށް ފުންމާލާތަން ފެނުނު ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭ 10:13 ހާއިރެވެ.

މިހާރު މިހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް ލިބުނު މައުލޫމާތުން އެ މީހާ ފުންމާލަން ޖެހުނު ސަބަބެއް ސާފުވާގޮތެއް ނުވެއެވެ.