މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ގދ. ހޯނޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން 4 މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމައިފިއެވެ.

ފުލުހުން ބުނީ، 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހިމެނޭ އަރުޝަދު ހާލިދު، އަހުމަދު ސުނައިން، އަލީ ޒުބެއިރު އަދި އަހުމަދު ގިޔާސް ޝަރީއަތް ނިމެންދެން ބަންދުގައި ބެއްހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

4 މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެއްޓުމަށް އަމުރުކޮށްފައި ވީ ނަމަވެސް މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ 9 މީހުންނެވެ. ބާކީ ތިބި 5 މީހުންގެ ބަންދާ މެދު ނިންމި ނިންމުން ވަނީ ސާފުވާ ގޮތް ނުވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު:

1. ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު (24އ) : ވައްކަމާއި ބިރުދެއްކުމުގެ ރެކޯޑު އޮވޭ

2. ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (50އ) : މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

3. ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (23އ) : މާރާމާރީގެ ރެކޯޑެއް އޮވޭ

4. ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން (25އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

5. ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (25އ): މަސްތުވާތަކެއްޗާއި އަމުރަށްނުކިޔަމަންތެރިވުމުގެ ރެކޯޑު އޮވޭ

6. ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް (37އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

7. ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު (32އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

8. ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދުސިދުރަތު (27އ): ކުށުގެ ރެކޯޑެއް ނެތް

9. ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް (25އ): ކުށުގެ ރެކޯޑެއް ނެތް

ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ގެންގުޅެ، ފުޅާ ދާއިރާއެއްގައި އެތަކެތި ޓްރެފިކް ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިނގާފައެވެ. އެގޮތުން އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ހޯޑެއްދޫގެ 10 ގެއެއް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ގެތައް ބަލައި ފާސްކުރި އިރު މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އަލާތްތައް ވެސް ވަނީ ފެނިފައެވެ.

އަދި މި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ފަރާތަކީ އަރުޝަދު ހާލިދެވެ. ނަމަވެސް މިދިޔަ މަހުގެ 30 ވަނަ ދުވަހު އޭނާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގެ ގާޒީ ނިންމިއެވެ. ނަމަވެސް ފަހުން ވަނީ އެ ކަން ރިވިއުކުރުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު އެދި އޭނާ އަލުން ހައްޔަރުކޮށްފައެވެ.

އެ އޮޕަރޭޝަންގައި ނުވަ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން އަދި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން ވަނީ ހޯދައިފައެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައި ވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މީގެއިތުރުން އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފައެވެ.