ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ ތެރެއިން އެންމެ ބޮޑުވަރު ވާނެ ކަމަށް ސިއްހީ މާހިރުން ބުނެފައި ވަނީ ގައިން ގަޔަށް ނާރާ ނުވަތަ އެހެން ސިއްހީ ހާލަތަކަށް ބޭސް ބޭނުން ކުރާ ބައްޔެއް ހުންނަ މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިތުގެބައްޔާއި، ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި ކެންސަރާއި ނޭވާލާ ނިޒާމުގެ ބަލި އަދި ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހިފައިވާ މީހުން ވަނީ ފާހަގަ ކޮށްފައެވެ.

ދުނިޔޭގެ ސިއްހީ މާހިރުން އެފަދައިން ލަފާދެމުން ދާއިރު، ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ދަނީ އާންމުން ހޭލުންތެރި ކުރުމަށް، މި ބައްޔާ ބަލިން ރައްކާތެރިވުމަށް އެތައް ނަސޭހަތެއް ދެމުންނެވެ. ރާއްޖޭގެ ސަރުކާރުންވެސް މި ބަލިން ރައްކާތެރުވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ފިޔަވަޅަކީ ރާއްޖެއިން ބޭރުން އަންނަ އެންމެން ކަރަންޓީން ކުރުމަށް ނުވަތަ ހޯމް އައިސޮލޭޝަނަށް ފޮނުވުމަށް ނިންމި ނިންމުމެވެ. ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރަން ނިންމި އިރު، އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަށް ބޭސްކުރަމުން ދާ މީހުންނާއި ކުޑަކުދިން، މާލެ ކައިރީގައި ހުރި ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރުމުގެ އިންތިޒާމްތައް ރޭވޭނެ ގޮތަކަށް ބަލައިގެން އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އެފަދަ ފަރާތްރަކަށް އިސްކަން ދޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ކިޑްނީ ބައްޔަށް ފަރުކާކުރުމަށް ޑައިލަސިސް ހަދަމުންދާ ދިވެއްސަކު ވަނީ 14 ދުވަހުގެ ކަރަންޓީންގައި ކޮށްފައިވާ ހިތި ތަޖުރިބާގެ ވާހަކަ "ދަ ޕްރެސް" އާ ހިއްސާ ކޮށްފައެވެ. "ދަ ޕްރެސް" އާ އެ ވާހަތައް ހިއްސާކޮށްފައި ވަނީ ގދ ތިނަދޫ، ހުސެން ރަޝީދުގެ ހުންނަ ހަމައެކަނި ދަރިފުޅެވެ.ޭނާގެ ދަރިފުޅު ކިޔައިދިން ގޮތުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަރަންޓީން ކުރީ މަންމަ އާއި ބައްޕަ އިންޑިއާއިން ބޭސްކުރުމަށް ފަހު ރާއްޖެ އައުމުންނެވެ. ކަރަންޓީން ވާން ޖެހޭނެ ކަމަށް ސަރުކާރުން ބުނެފައި އޮތުން، ބައްޕަ އަކީ ހަފްތާއަކު 2 ދުވަހު ޑައިލަސިސް ހަދާ މީހެއް ކަމަށާއި ފަސޭހަ ގޮތަކީ "ހޯމް އައިސޮލޭޝަން" އަށް ފޮނުވައި ދިނުން ކަމަށް އެޗްޕީއޭގައި އެދުނު ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ އެ ގޭގައި އިތުރު މީހަކު ނޫޅޭތީއާއި ބައްޕަގެ ކަންކަމުގައި ފަސޭހަ ވާނެތީ ކަމަށްވެސް އެޗްޕީއޭގައި ބުނެފައިވާނެ ކަމަށް އޭނާ ބުނެއެވެ. ކުރިން ހުރިހާ ވާހަކައެއް އެޗްޕީއޭއާ ހިއްސާ ކުރުމުން ވެސް ފަހު ވަގުތު ކަންތަށް ވީ އުންމީދު ނުކުރާ ގޮތަށް ކަމަށް އޭނާ ބުނެއެވެ.

ރާއްޖެ އައުމުން އެންމެ ފުރަތަމަ އެޗްއައިއެޗަށް ގެންދަން ނިންމާފާވީ ނަމަވެސް އެދުވަހު އެޗްއައިއެޗް ފުރިފާ ވުމުން ދެން ބަދަލު ކުރީ ހޮލިޑޭ އައިލެންޑް ރިސޯޓަށް ކަމަށް އޭނާ ކިޔައިދިނެވެ. އެ ރިސޯޓަށް ބަދަލު ކުރުމުގެ ކުރިން އެއާޕޯޓުގައި ކަންތަށް ހިނގާ ދިޔަ ގޮތް އޭނާ ކިޔައިދިނެވެ.

ފުރަތަމަ އުޅުނީ ހުޅުލޭ އައިލެންޑް ހޮޓެލް(އެޗްއައިއެޗް) އަށް ލާން. ނަމަވެސް އެދުވަހު އެޗްއައި އެޗް ފުރިގެން އެޗްއައިއެޗަށް ނުލެވުނު. އެ ފްލައިޓް ޖައްސަން އިނީ 3:30 ގައި، ދަރުބާރު ގެއަށް ގުޅާފަވެސް އެންގިން މިވާހަކަ. އެއީ ޑައިލަސިސް ހަދާ މީހެއް ކަމާ އެމީހާ އަންނަނީ މިވެނި ގަޑިއެއްގަކަމާ، މިކަމުގަ އަޅުގަނޑަށް ރަނގަޅީ "ހޯމް އައިސޮލޭޝަން" އަށް ފޮނުވާ ދިނިއްޔާއޭ. ހުރިހާ މައުލޫމާތެއް ދީފަ ހުރިހާ އެއްޗެއް ކިޔާދީފަ، ބުނީމަވެސް 3:30 ގަ ފްލައިޓް ޖައްސައިގެން އެރޭ 8:00 ވީއިރުވެސް އެއާޕޯޓްތެރޭގަ ބައިތިއްބާފަ ތިބީ، ގެންދާނެ ތަނެއް ނޭނގިފަ
ހުސެން ޝަރީފް ގެ ދަރިފުޅު

ހޯމަ އައިސޮލޭޝަނަށް ބަދަލު ކުރުމަށް ކުރިން އެދިފައި ވުމުން އެގޮތަށް އެކަންތަށް ކުރިއަށް ގެންދެވޭނެތޯ އެހުމުން ޑޮކްޓަރެއްގެ ލަފާގެ މަތިން އެގޮތަށް އަމަލު ކުރެވިދާނެ ކަމަށާއި ގެއަށް ފޮނުވާނެ ކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް ސަރުކާރުން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

6 ޖަހާކަށްހާއިރު އެޗްޕީއޭ މީހުން އައިސް ބުނެފި، ޑޮކްޓަރު ބުނެފިއްޔާ ހޯމް އައިސޮލޭޝަނަށް ފޮނުވާލަ ދޭނަމޭ، ޑޮކްޓަރު އައިސް ބާލާފަ ދިއުމުގެ ހުއްދަ ދީފި، އެއްވެސް މައްސަލަ އެއް ނެތް ކަމަށާއި އެޗްޕީއޭއިން އެ ބަލާ ހުރިހާ އެއްޗެއްވެސް ބަލައި ނިންމައިފި، އެކަމަކުވެސް ނުވެއް ފޮވާލަ ދެން ލަސްވެގެން އެޗްޕީއޭއަށް ގުޅީމަ ބުނީ ސަރުކާރުން ހިފަހަށްޓަނީއޭ، ޑޮކްޓަރުން ދިއުމުގެ ހުއްދަ ދީފަ އޮއްވާ ކީއްވެހޭ ސަރުކާރުން ހިފަހައްޓަންވީ، އެގޮތައް ބުނީމަވެސް ދުލެއް ނުކޮށްލާ
ހުސެން ޝަރީފް ގެ ދަރިފުޅު

ރަށަށް "ހޯމް އައިސޮލޭޝަން" އަށް ދިއުމަށް ސަރުކާރުން ދެކޮޅު ހެދި ނަމަވެސް އެ ކަންތަށް ކުރީ ގަވައިދާ އެއްގޮތަށް ކަމަށް ގަބޫލު ކުރާ ކަމަށާއި ނަމަވެސް އޭނާގެ ބައްޕަ ހުރި ހާލުގެ ގޮތުން އެގޮތަށް ކަންތަށް ކުރުމުން އެއީ ހިތާމަ ކުރާ ކަމެއް ކަމަށް އޭނާ ކިޔައިދިނެވެ. އެގޮތުން އެއާޕޯޓުގައި އެރޭ 8 ޖެހި އިރުވެސް ތިބިކަމަށާއި އެޗްޕީއޭ މީހުންނަށް ގެންދާނީ ކޮން ތަނަކަށް ކަމެއް ނޭނގިގެން ތިބީ ކަމަށް އޭނާ ބުނެއެވެ. ކަރަންޓީން ކުރަން އެންމެ ފަހުން ހަމަޖެހުނު "ހޮލިޑޭ އައިލެންޑް ރިސޯޓަށް" ދެވުނީ އެރޭގެ 12 ޖެހިއިރު ކަމަށް އޭނާ ބުނެއެވެ.

3:30 އައި ބައެއް. 8 ޖެހިއިރު މި ގެންދިޔައީ 4 ގަޑިއިރުން ދަތުރުކޮށްފަ ދެވޭ، މާމިޖިލި ކައިރީގަ އޮތް ކޮންމެވެސް ރިސޯޓަކަށް ގެންދިޔައީ، އެތަނަށް ދެވުނު އިރު ހުރީ އެރޭ 12 ޖަހާފަ، ނުކައި ނުބޮއެ އެދުވަހު 4 ދަމު އުޅެން މި ޖެހުނީ، އިންޑިއާއިންވެސް 12 ޖަހާއިރު ޗެކިން އޮތީމަ 11:30 ގަ އެކޮޅު އެއާޕޯޓަށް ގޮއްސި، އެއާޕޯޓުން މާލެ އައިސް އެ ރަށަށް ދިއުމާ، އެ ހުރުހާ އިރުވީ އިރކުވެސް ކާކަށް އެއްވެސް އެއްޗެއް ނުދޭ
ހުސެން ޝަރީފް ގެ ދަރިފުޅު

ހުސެން ޝަރީފް ގެ ދަރިފުޅު ކިޔައިދިން ގޮތުގައި ހޮލިޑޭއަށް ކަރަންޓީނަށް ދިއުމުގެ ކުރިން ޖެހިގެން އަންނަ ދުވަހު ޑައިލްސިސް ހަދަން ޖެހޭ ކަމަށް އެޗްޕީއޭ މީހުންނަށް އަންގާފައިވާ ކަމަށާއި ނަމަވެސް ހޮލިޑޭއައިލެންޑަށް ގޮސް އަނެއް ދުވަހުގެ ރޭގެ 8 ޖެހިއިރުވެސް ޑައިލަސިސް ނުހެދޭ ކަމަށް އޭނާ ކިޔައިދިނެވެ.

އެ ރިސޯޓަށް ގެންދިއުމުގެ ކުރިންވެސް ބުނެފިން މިވެނި ދުވަހެއްގެ މިވެނި ގަޑިއެއްގަ ޑައިލަސިސް ހަދަން ޖެހޭ، ހަފްތާއަކު 2 ދުވަހު ޑައިލަސިސް ހަދަން ޖެހޭ، ދެން ހަދަން ޖެހޭނީ މިވެނި ދުވަހަކުއޭ، ބުނެފަ ހުރިހާ އެއްޗެއް ކިޔާދީފަ އޮއްވާ އަނެއް ދުވަހަށް އިރުއަރާ އޮއްސިގެން ދިޔައީ، އެ ދުވަހުގެ ހެނދުނު އެޗްޕީއޭއިން ބުނެފި މި ގެންދަނީ އޭ، އެބަ ބަލަމޭ، އެއް ފަހަރު އެމީހުން ނިންމީ އައިޖީއެމްއެޗަށް ދާން. އަނެއްކާ ފަހުން ބުނެފި ހުޅިމާލެއަށްދާން، އަނެއް ފަހަރު އައިޖީއެމްއެޗަށް، އެހެން ދަމުންގޮސް އެރޭ 8 ޖެހި އިރު ކިރިޔާ ހޮސްޕިޓަލަށް ދެވުނީ، 25 ވަނަ ދުވަސް އެއީ ޑައިލެސިސް ހަދަން އިން ދުވަސް
ހުސެން ޝަރީފް ގެ ދަރިފުޅު

އެ ރިސޯޓުގަ 2 ދުވަސް ބައިތިއްބާފަ އަނެއްކާ ގެނެސް ލީ އެޗްއައިއެޗަށް ކަމަށާއި އެޗްއައިއެޗަށް ބަދަލު ކުރީވެސް ވަރަށް ކިޔައިގެން ކަމަށް އޭނާ ބުނެއެވެ. އެޗްއައިއެޗަށް ބަދަލު ކޮށްދޭން އެދުނީ ބަލި މީހަކު ގޮވައިގެން ހަފްތާއަކު ދެފަހަރު ޑައިލެސިސް ހެދުމަށް އެހާ ދުރުން (ހޮލިޑޭ އައިލެންޑު) އިން އަންނަން ޖެހޭތީ ކަމަށާއި ޑައިލަސިސް ހެދުމަށް ފަހު ހަމަޖެހެން ވަގުރު ނަގާތީ ކަމަށް އޭނާ ކިޔައިދިނެވެ. ޑައިލަސިސް ހެދުމުން އެމީހާގެ ބޯ އެނބުރުމާއި މޭ ނުބައިކުރުން ފަދަ ކަންތަށް ވާ ކަމަށް އޭނާ ބުނެއެވެ.

ދެން އެ ހާލެއްގައި ގަނަތަޅުވަތަޅުވާފައި ގެންގޮސް ލީ ކުޑަބަނޑޮހަށް ހަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ދެން ހުރީ ކުޑަބަނޑޮހުގައެވެ.

ކަރަންޓީންގެ 14 ދުވަސް ނިންމުމަށް ފަހު ފޮނުވާލަން ހަމަޖެހިފައި ވަނީ އިއްޔެ ކަމަށާއި ކާޑެއްދޫއަށް މިހާރު ފްލައިޓް ބާއްވަނީ ހަފްތާއަކު 3 ދުވަހު ކަމަށް ވުމުން ދެން އެންމެ އަވަހަށް ޓިކެޓެއް ލިބެން އަންނަނީ މާދަމާއަށް ކަމަށް އޭނާ ކިޔައިދިނެވެ. އެހެން ކަމުން މާލޭގައި ބެހެއްޓުމަށްވެސް އިތުރު ހަރަދެއް ދާނެ ކަމަށް އޭނާ ބުނެއެވެ.

އަޅުގަނޑުގެ މަންމަމެންނަކީ މާލޭގަ މަޑުކުރާ ބައެއްނޫން އެއްވެސް އިރެއްގަ، ތިބޭނެ ތަނެއް ނުހުރޭ، އިންޑިއާގަ އެހާ ބޮޑު ހަރަދެއް ކޮށްފަ، އަނެއްކާ މާލެ އައިސް ތަނެއް ހިފައިގެން ނުތިބެން، ހަމަ ދަނީ ރަށަށް، ކަނެކްޝަން ފްލައިޓެއް، ހަމަ އެއް ފްލައިޓުން އަނެއް ފްލައިޓަށް އަރައިގެން ރަށަށް ދަނީ
ހުސެން ޝަރީފް ގެ ދަރިފުޅު

އެޗްއައިއެޗަށް ގެންދިއުމަށް ފަހު 3 ދުވަހު އެތަނުގައި ބައިތިއްބާފައި ދެން ގެންދިޔައީ ކުޑަބަނޑޮހަށް ކަމަށާއި އިއްޔެ ކުޑަބަނޑޮހުން ފައިބަން (ކަރަންޓީނު މުއްދަތު ހަމަވުމުން ދޫކޮށްލަން ގެނައުން) އަންގާފައިވާ ކަމަށްވެސް އޭނަ ކިޔައިދިނެވެ. އަދި މާލެ ގޮސް ހުންނާނެ ތަނެއް ނެތުމުން މިއަދުގެ ބަނޑޮހުގައި ބަހައްޓައި ދިނުމަށް އެދިފައި ވުމުން އެގޮތަށް ކަމާބެހޭ ފަރާތްތަކުން އެއްބަސްވި ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެކަމާ ހިތްހަމަ ޖައްސާލައިގެން އިންދާ، ކުއްލިއަކަށް އެނގުނީ މިއަދު ހެނދުނު މާލެ ގެންނަކަން ކަމަށާ، މަންމައާ ގުޅުމުން ބުނީ މިހާރު (ހެނދުނު) މާލެ ގެންދަނީ ކަމަށެވެ.

އަނެއްކާ އިރުކޮޅަކުން މަންމަ ގުޅާފަ ބުނެފި، މިހާރު ލޯންޗު އަނެއްކާ ކުޑަބަނޑޮހަށް ކައިރި ކުރަނިއްޔޭ
ހުސެން ޝަރީފުގެ ދަރިފުޅު

ހުސެން ޝަރީފުގެ ދަރިފުޅު ބުނީ، މާލެ އަންނަން އައި ލޯންޗު އަނބުރާލާފައި ކުޑަބަނޑޮހަށް އަނބުރާ ދިޔައީ ކަމަށެވެ. އަދި މާދަމާ ހެނދުނު ވާންދެން މިހާރު ކުޑަބަނޑޮހުގައި ތިބެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އެމީހުނަށް (ކަރަންޓީނުގައި ތިބޭ މީހުންނާ ހަވާލުވެގެން ތިބޭ މީހުން) އަށް އަންގައިފި ކަމަށް ބުނާ އަޑު ފޯނުން އިވުނު ކަމަށެވެ.

އޭނާ ބުނީ މިފަދަ ހާލަތެއް (ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާ ކަރަންޓީނު ކުރަން) ގައި ގިނަ ކަންތަށްތަކެއް ކުރަން ޖެހޭނެ ކަމަށް އޭނާވެސް ގަބޫލު ކުރާ ކަމަށާއި ނަމަވެސް "ޕޭޝަންޓް" ރާއްޖެ އައުމުގެ ކުރިން އޭނާއާ ބެހޭ ހުރިހާ މައުލޫމާތެއް ދީ ހުރިހާ ކަމެއް ކޮށްފައި ވާ އިރުވެސް، މި ފަދަ ހާލަތެއް ދިމާވުމުން އެކަމާ ދެރަވެ ހިތާމަ ކުރާ ކަމަށެވެ.

ރާއްޖެއިން ބޭރުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ބައެއް މީހުންނަށް ކުރެވިފައި ހުރި މިފަދަ ތަޖުރިބާތައް "ދަ ޕްރެސް" އާ ހިއްސާ ކޮށްފައި އެބަ ހުއްޓެވެ. ހަމަ އެހެންމެ ކަރަންޓީނާ ގުޅޭ ގޮތުން ހިތްހަމަ ޖެހުން ފާޅުކޮށްފައި ތިބި އެތައް ބަޔަކުވެސް "ދަ ޕްރެސް" އަށް އިންޓަވިއު ދީފައި އެބަހުއްޓެވެ.

ހާހުން މައްޗަށް ކަރަންޓީނު ކޮށްފައި ވާއިރު އެމީސްމީހުންގެ ކަންކަން ބަލަހައްޓަން ތިބޭ ފަރާތްތައްވެސް ހާސްވުމާއި ނުތަނަވަސްވާ ފަހަރު ފަހަރު އަންނާނެެއެވެ. މިފަދަ ދަނޑިވަޅުތަކުގައި މުހިންމީ އާންމު މީހާއާއި ހިދުމަތް ދޭން ތިބޭ ފަރާތްތައް ގަނަ ނުތެޅޭ ގޮތަކަށް "އިންތިޒާމު ކުރެވިފައިވާ ކޮމާންޑު ސެންޓަރުން" ކޮމާންޑުތައް ނެރުމެވެ.