އެންމެންނަށްވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތް ގޮތް އެނގެއެވެ. ހާސްވެ ކަންބޮޑުވާ ބަޔަކު ކަންބޮޑުވާ އިރު ބިރެއް ނެތި ވަރިހަމަ ވާ މީހުންވެސް އެބައުޅެވެ. ވަރިހަމަ ވާ މީހުން ބުނަނީ "މިހާރު ކޮވިޑް ދެކެ ބިރެއް ނުގަންނަ" ކަމަށެވެ. އެ ބިރު ކަނޑުވާލީ ސިޔާސީ މީހުން ކަމަށެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށެވެ.
ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް ހުރީ ދިމާ މައްޗަށެވެ. ކޮންމެ ރެއަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިއުލާން ކުރާ ނަންބަރުތަކުން މިކަން ސާފުވާނެއެވެ. ކޮވިޑް ނުވަންނަ ގެއެއް، ބައްދަލު ނުކުރާ ގޭބިސީއެއް ނެތޭ ބުނެވިދާނެއެވެ. އެހާވެސް ބާރަށް، ހަލުވިކޮށް ކޮވިޑް ފެތުރެމުން ދާ އިރު ހާސްވެ، ކަންބޮޑުވެ، ގޮތް ހުސްވެފައި ތިބި ބަޔަކު އެބަ ތިއްބެއެވެ.
މާޔޫސް ކަމާއި ގިލަން ވެރިކަމުގައި ބަލި އެނދުގައި އެތައް ބަޔަކު އެބަ ތިއްބެވެ. ބައެއް މީހުން ތިބީ "މަރުގަންނަވާނެ ވަގުތަކަށް" އިްނތިޒާރުގައެވެ. އެއީ އަޅާލާނެ އެހީތެރިއެއް، އަތް ގާތްކޮށްލަ ދޭނެ ޔާރެއް އިޔާރެއް ނެތި ފެސިލިޓީގައި ތިބި މީހުންނެވެ. ހާއްސަކޮށް އުމުރުން ދުވަސް ވީ ބައެއް މީހުންނެވެ.
ކޮވިޑް ފެސިލިޓީތަކުގެ ހާލަތު
ކޮންމެ ރެއަކު އެޗްއީއޯސީގެ ޕްރެސްގައި ދައްކަނީ އެއް ވާހަކައެކެވެ. އެއް ފައްޗަކަށް ނަންބަރުތައް ކިޔައެވެ. ފެސިލިޓީތަކުގެ ވާހަކަ ވެސް ދައްކައެވެ. ބޭނުންވާ ވަރަށް އަދި އެނދު ހުރި ކަމަށާއި، ބަލިމީހުންނަށް ފަރުވާ ކުރަމުން ދާ ވާހަކަ ދައްކައެވެ.
އެއީ ތެދެކެވެ. އެކަމަށްޓަކައި އެޗްއީއޯސީގެ ސްޓާފުންނަށާއި މެނޭޖުމަންޓަށް ސެލިއުޓް ކުރަން ޖެހެއެވެ. "ދަ ޕްރެސް" ގެ މި ރިޕޯޓު ލިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރީމެވެ. ފެސިލިޓީތަކުގެ ހާލަތު ދެނެގަތުމަށް އެތައް ބަޔަކާ ވާހަކަ ދެއްކީމެވެ. ފެސިލިޓީތަކަށް ގެންގޮސް ދޫކޮށްލި ބައެއް މީހުންނާއި މިހާރުވެސް ފެސިލިޓީތަކުގައި ތިބި ބައެއް މީހުންނާވެސް ވާހަކަ ދެއްކީމެވެ.
ދެން ގޯހީ ކޮންކަމެއްތޯ އެހުމުން، ދީފައި ހުރި ޖަވާބުތަކުން ބޭހަށް ނުގުޑާ ބައްޔެއް ފާހަގަ ވިއެވެ. އެއީ ކޮވިޑަށް ވުރެ ނުރައްކާ އަދި ބިރުވެރި ބައްޔެކެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ، އުމުރުން ދުވަސްވީ ހައެއްކަ މީހަކު ބަލި އެނދުގައި އެބަ އޮތް ކަމަށެވެ. އެކަނި ހާލަށް ކޮޅަށް ނުތެދުވެވޭ ކަމަށެވެ. ގޮނޑީގައި ނޫނީ ފާހާނާއަށް ނުދެވޭ ކަމަށެވެ. އެކަނި ކާއެތިކޮޅު ނުކެވޭ ކަމަށެވެ.
ތަނުގެ ހާލަތު ކިޔަދެމުން އެހެން މީހަކު ބުނީ، ހިނގާ ބިނގާބެ ނޫޅެވޭ މީހަކު ފާހާނާއަށް ގެންދަން މީހަކު އައިސް އެމީހާ ފުރޮޅު ލީ ގޮނޑިއެއްގައި ގެންދިޔަ ކަމަށެވެ. ނަމަވެސް ނައިސް ގިނަ އިރުވެ ހަބަރެއް ނުވެގެން ބަލަނިކޮށް ފެނުނީ އޭނާ ގޮނޑިއާއެކު މޫނު ދޮންނަ ތަށިކައިރީގައި އިންދާ ކަމަށެވެ. އޭރު އޭނާ އެހެން އިންނަތާ 3-4 ގަޑިއިރު ވެދާނެ ކަމަށް އެމީހާ ބުންޏެވެ.
އެހެން މީހަކު ބުނީ، ފެސިލީޓީގައި އިންތިޒާމެއް ނެތުމުން، ބަލިމީހާ އޮންނަ އެނދު ފާހާނާއަށް ގޮސް އަންނަ އިރު ބަދަލުވުމާއި، ކާން ގެންނަ އެއްޗެހި ދޭންވާ މީހާ ނޫން މީހަކަށް ދެވުންފަދަ ކިތަންމެ ކަމެއް ހިނގަމުން ދާކަމަށެވެ.
ފެސިލިޓީގައި ތިބި އެހެން ބައެއް މީހުން ބުނީ، ހެނދުނު ކާން ގެންނަނީ ސޭންޑްވިޗު ކަހަލަ ލުއި އެއްޗެއް ކަމަށެވެ. މެންދުރަށާއި ރޭގަނޑަށް ބަތާއި މުގުރިހައާއި ތަރުކާރީ ކޮޅެއް ލިބޭ ކަމަށެވެ. އަދި ހަވީރު ކަސްޓަމް ރޭޓުން ކޮންމެ މީހަކަށްވެސް 3 ހެދިކާ ލިބޭ ކަމަށެވެ. ކާ އެއްޗެހީގެ ރަހައާ ބެހޭ ގޮތުން އެމީހުން ބުނީ ލަނީ އާންމުކޮށް ހޮޓާހޮޓަލުގައި ހުންނަ އެއްޗެހީގައި ލާ ރަހަ ކަމަށެވެ.
ކެއުމާއި ބޭހުގެ މާ ބޮޑު މައްސަލައެއް ނުވަތަ ޝަކުވާއެއް އެމީހުންގެ ނެތެވެ. ޝަކުވާ އަކީ، ފެލިސިޓީގައި ތިބި ހެލިފެލިވެ އުޅެވޭ މީހުންނާ ހިލާފަށް އޮތްތަނުން ހިރިނުލެވޭ މީހުންނަށް އަޅާލުން ކުޑަވުމުގެ ޝަކުވާއެވެ.
ކުރިންވެސް "ދަ ޕްރެސް" އިން ވާނީ ފެސިލިޓީތަކުގެ ހާލަތާ ބެހޭ ރިޕޯޓެއްގައި އެތާނގައި ތިބޭ މީހުންނަށް ދިމާވާ ގިނަ މައްސަލަތަކުގެ ވާހަކަ ގެނެސްދީފައެވެ. އޭގެތެރެއިން އޭރުވެސް ބޮޑުވި އެއް މައްސަލައަކީ ނަފްސާނީ އެހީތެރިކަން ލިބުމުގައި ހުރި ދަތިކަމުގެ މައްސަލައެވެ. ބައްޔަށް ބޭސް ކެޔަސް ނުފިލާ ބައްޔަކީ ނަފްސާނީ ބައްޔެވެ.
ޒުވާނަކަސް އަދި މުސްކުޅިއަކަސް ނަފްސާނީ އެހީތެރިކަމަކި ބޭނުންވާ އެހީތެރި ކަމެކެވެ. ހާއްސަކޮށް ކޮވިޑްގެ މިހާލަތުގައި ބަލި މީހުންނަށް ނަފްސާނީ އެހީތެރިކަން މުހިންމެވެ.
ފެސިލިޓީތަކުގެ ހިދުމަތްތެރިން
ފެސިލިޓީތަކުގައި ތިބި މީހުންގެ އުދާސްތަކާއި ވޭން ހިއްސާ ކުރަމުން ބުނީ، ކޮވިޑަކީ އާދައިގެ ރޯގާއެއް ނޫން ކަމަށެވެ. ހަށިގަނޑުގައި އަޅާ ވޭނާއި ނޭވާއަށް ދަތިކޮށްލާ ކޮންމެ ފަހަރަކީ އެތައް އިހުސާސެއް އެއްފަހަރާ ކުރެވޭ ވަގުތެއް ކަމަށެވެ. ނޭވާ ހާސްވެ ބަންދުވެދާނެހެން ހީވާ ކިތަންމެ ވަގުތެއް ދާ ކަމަށް ބައެއް މީހުން ބުންޏެވެ.
އެ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދޭން ތިބެނީ ފެސިލިތީތަކުގައި ތިބޭ ބަލިމީހުންގެ ހިދުމަތަށް ހާއްސަވެފައި ތިބޭ ސިއްހީ އެހީތެރިންނެވެ. ސިއްހީ އެހީތެރިންގެ މަދުކަމާއެކު ފެސިލިޓީގައި އެތައް ސަތޭކަ ބަޔަކު ތިބުމަކީ އެންމެނަށް އެއްފަހަރާ ހިދުމަތް ދިނުމުގައި ސިއްހީ ނިޒާމަށް އޮތް އެންމެ ބޮޑު ގޮން ޖެހުމެވެ.
އެޗްއީއޯސީން ބުނެފައި ވަނީ ފެސިލިޓީތަކުގައި އެންމެ ފުރިހަމަ ހިދުމަތް ދެވޭތޯ ކެނޑި ނޭޅި މަސައްކަތް ކުރާ ކަމަށެވެ. ސިއްހީ އެހީތެރިން މަދުކަން ގަބޫލު ކުރަމުން ފެސިލިޓީތަކާއި ކޮވިޑްގެ ކަންކަމުގައި އުޅެދޭނެ ގިނަ އަދަދެއްގެ އެހީތެރިން ހޯދުމަށް އެތައް ފަހަރަކު ހެލްތް މިނިސްޓްރީން އިއުލާންވެސް ކުރި ކަމަށާއި އަދިވެސް މަސައްކަތް ކުރަނީ އެހީތެރިން އިތުރު ކުރުމަށް ކަމަށް ބުނެއެވެ.
ފެސިލިޓީތަކާއި ކޮވިޑްގެ ކަންކަމުގައި މަސައްކަތް ކުރާ އެހީތެރިން މިހާރު 12 ގަޑި އިރު މަސައްކަތް ކުރެއެވެ. ރާއްޖޭގައި ޕޮޒިޓިވް ވާ އަދަދުތައް 1000 އިން 2000 އަށް އަރައިގެން ގޮސް ފައި ވާއިރު 24 ގަޑި އިރު މަސައްކަތް ކުރިއަސް މިހާރު ނުފުދެއެވެ.
އެހީތެރިންނަށް ފުރުސަތު ދިނުން
ގައިގައި ނެތް ހަކަތައެއް ނެރެގެން ކުރަން އުޅުނަސް އިންސާނުންނަށް މަަސައްކަތް ކުރެވޭނީ ވަކި ވަރަކަށެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 50،802 އަށް އަރަފިިއެވެ. މިވަގުތުވެސް 20،272 މީހުންނަކީ ކޮވިޑުން ފަސޭހަ ނުވާ ބަލި މީހުންނެވެ. ގިނަ ބަޔަކު ފެސިލިޓީތަކުގައި ތިބި އިރު އެ އެންމެނަށްވެސް އަޅާލުން ބޭނުންވެއެވެ. އެންމެނަށް އެހީތެރިކަން ދެވޭވަރަށް ސިއްހީ ހިދުމަތްތެރިންނެއް ނެތެވެ.
އުމުރުން ދުވަސް ވީ މީހުން ގިނައެވެ. ކޮވިޑަށް ޕޮޒިޓިވް ވާ އަދަދުތަކާ އެއްގޮތަށް އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައްވެސް މައްޗެވެ. ރާއްޖެ ކަހަލަ ކުޑަ އާބާދީއަކަށް ބަލާނަމަ ހިނގަމުން މިދާ މެއި މަހުގެ ކޮންމެ ދުވަހަކީ 3-4 މީހުން ކޮވިޑްގައި މަރުވި ދުވަހެކެވެ. މިމަހުގެ 20 ދުވަސް ދިޔަ އިރު މަރުވި މީހުންގެ އަދަދު 46 އަށް އަރައިފިއެވެ.
ފެސިލިޓީތަކަށް އުމުރުން ދުވަސް ވީ މަންމައާއި ބައްޕަ ނުވަތަ ކާފައާއި މާމަ ފޮނުވައިގެން ތިބި ކިތަންމެ ބަޔަކު އެ މުސްކުޅިންނަށް އެހީވާން ބޭނުންވެފައި އެބަ ތިއްބެއެވެ. ކޮވިޑް ޖެހުނަސް ހެޔޮކަމަށް އަމިއްލަ ޒިންމާގައި އެމީހުން ކައިރިއަށް ފެސިލިޓީއަށް ދާން ބޭނުމެވެ. އެމީހުންނަށް އަޅާނުލެވި މަރުވުމަށް ވުރެ، އަޅާލުން ދޭން ބޭނުން ވެއެވެ.
މިއީ އެޗްއީއޯސީއަށް ދިމާވެފައި އޮތް މީހުންގެ ދަތިކަމާއި އެހީތެރިންގެ ދަތިކަމަށް ހައްލެއް ލިބިދާނެ ކަމެކެވެ. އަދި ކޮންމެ ދުވަހަކު މަރުވަމުން ދާ ރޭޓްވެސް ދަށް ކުރެވިދާނެ ކަމެކެވެ. މަރަކީ އަހަރެމެނަށް ހިފެހެއްޓޭނެ އެއްޗަކަށް ނުވިޔަސް، އަޅާލެވޭނެ ގޮތެއް ވާނަމަ އަޅާނުލެވި އޮވެ ގައިމުވެސް މަރެއް ނުވާނެއެވެ. އެކަނި ހާލަށް ކާއެތިކޮޅު ނުކެވި ހިތްދަތިކަމުގައި ކަރުނަ އަޅާކަން އެ މުސްކުޅިންނަކަށް ނުޖެހޭނެއެވެ. ފާހާނާއަށް ގެންގޮސް ހަނދާންނެތިގެން ނުވަތަ ބިޒީވެގެން ދޫކޮށްލާކަށް ނުޖެހޭނެއެވެ. އުމުރުގެ އެންމެ އަޅާލުން ބޭނުންވާ ދުވަހު އޯގާތެރިކަމާއެކު ވާހަކަ ދައްކާލާނެ އެހީތެރިއަކު ނެތިއެއް ނުދާނެއެވެ.
ކޮވިޑްގެ ހާލަތުން މިންޖުވެ އާ ހަލަތަށް ދިއުމަށް އެންމެންގެ އެހީތެރިކަން މުހިންމެވެ. އެންމެންގެ އެހީތެރިކަން ހޯދާށެވެ.