ކޮވިޑް19 އަށް އިތުރު މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 33 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއް ކަމަށާއި، އެމީހާއަކީ ކޮވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:28) ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. އަދި އެމީހާގެ ފަރާތުން ކޮވިޑް19ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައިކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ މިއީ މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި 13 ވަނަ މީހާ ކަމަށާއި، މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު މާލެއިން އަންނަނީ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. އަދި މިކަމުގެ ސަބަބުން މާލެ ސިޓީ ވަނީ 14 ދުވަހަށް ލޮކްޑައުންވެސް ކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ މާލެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުރިޔަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށް ލަފާކޮށްފައެވެ. އެހެންކަމުން ވީހާވެސް ބޮޑަކަށް ސޯޝަލް ޑިސްޓޭންސް ބެހެއްޓުމަށް އެ އެޖެންސީން އަންނަނީ ތަކުރާރުކޮށް އިރުޝާދު ދެމުންނެވެ.