ވިލިވަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ އެ ރިސޯޓުގައި ހުރި ކޮންޓެއިނަރެއްގައި ކަމަށެވެ. އަދި އަލިފާން ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައ ވަނީ މުދާ އަޅާފައި ހުރި ކޮންޓެއިނާއެއްގައި ކަމަށާއި، އެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 7:41 ހާއިރު ކަމަށެވެ. އެ އަލިފާންގަނޑު އިތުރަށް ފެތުރުން ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ވިލިވަރުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމަށް އެ ރަށުގައި ތިބި ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށާއި އަލިފާން ރޯވެފައި ވަނީ ވިލިވަރު ގޮނޑުދޮށުގައި އޮތް ވިނަގަނޑާއި އެ ސަރަހައްދުގައި ހުރި ފެން ހުސްކުރި ހަންތަކެއްގައި ކަމަށެވެ. ފުލުހުން އެހެން ބުނި ނަމަވެސް އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ކޮންޓޭނަރާއި ކޮންޓޭނަރުތެރޭގައި ހުރި ހަންތަކަކާއި، ކޮންސްތްރަކުޝަން މެޓީރިއަލްސް ތަކެއްގައި ކަމަށެވެ.

ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު، މިހާރު ވެސް ވެލިވަރުގެ ކަރަންޓީން ފެސިލިޓީގައި މީހުން އެބަ ތިއްބެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރިސޯޓުގެ ކިހާ ހިސާބެއްގައި ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.