އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނުހޯދައި މިސްކިތްތައް ބަންދު ކުރަމުން ގެންދާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، އަދި އެ މިނިސްޓްރީގެ ހުއްދަ ނުހޯދައި މިސްކިތްތައް ބަންދު ނުކުރުމަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިސްކިތެއް ބަންދު ކުރަންޖެހޭ ހާލަތަކަށް ހިނގައްޖެނަމަ އެ މިސްކިތެއް ބަންދު ކުރާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް މީގެ ކުރިންވެސް އެ މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވާ ކަމަށެވެ. އަދި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ބޭނުންކުރުމާއި، މިސްކިތުގެ ގޯތިތެރޭގައި ތަނެއް ބިނާކުރުމާއި، މަރާމާތު ކުރުން، ނުވަތަ މިސްކިތަށް ބައެއް އިތުރުކުރުމާއި، ބަދަލުގެނައުން ފަދަ އެއްވެސް ކަމެއް ކުރާނަމަވެސް އެކަމަށް ހުއްދަ ހޯދަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތުގައި ބޭނުން ކުރުމަށް ބަހައްޓާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި، ލީފުލެޓް، ދުއާފޮތް، އަދި މިނޫންވެސް އެކިކަހަލަ ފޮތްތަކާ ތަކެތި މިސްކިތުގައި ބެހެއްޓޭނީ ހަމައެކަނި އެ މިނިސްޓްރީން ބަލައި ޗެކްކޮށް އަދި މިނިސްޓްރީން ފާސްކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކެއް ކަމަށެވެ. އަދި އެފަދަ ލިޔުންތައް ނޫން އެހެން އެއްވެސް ލިޔުމެއް މިނިސްޓްރީގެ ހުއްދަ ލިބިގެންނޫނީ މިސްކިތުގައި ނުބެހެއްޓެވުމަށް ވެސް އެ ސާކިއުލާގައި ދަންނަވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިސްކިތުގައި ހުންނަ ސައުންޑް ސިސްޓަމް ބޭނުން ކުރާނީ ބަންގި ގޮވުމަށާއި، އަދި ހުއްދަ ދީގެން އަންގާ އެންގުންތައް ކިޔުމަށް އެކަނި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މިނޫން ގޮތަކަށް ސައުންޑް ސިސްޓަމް ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރަން ވާނީ އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މިކަންކަން ކުރަން ޖެހިއްޖެ ހާލަތެއް ދިމާވެއްޖެ ނަމަ އެކަމެއް ކުރުމުގެ ހުއްދަ ހޯދައި އެ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަންކަން ކުރިއަށް ގެންދެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.