މިދިޔަ ހޯމަދުވަހުގެ ރޭ މޫދަށް ފުންމާލި ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މުދިމުގެ ހޯދުމަށް ޑައިވްކޮށްގެން 261600 އަކަމީޓަރު ބަލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މުދިމު ހޯދުމަށް ޑައިވްކޮށްގެން 261600 އަކަ މީޓަރު ބަލާފައިވާއިރު، އޭގެ ތެރެއިން 32000 އަކަ މީޓަރު ބަލާފައި ވަނީ ނައިޓް ޑައިވް ކޮށްގެން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މުދިމު ހޯދުމުގެ ގޮތުން ކޯސްޓް ގާޑް ލޯންޗުގައި މިހާތަނަށް 48،542،000 އަކަ މީޓަރު ކަނޑުގެ ސަރަހައްދު ބަލާފައި ވާނެ ކަމަށެވެ.

މުދިމު ހޯދުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާ ސަރަހައްދު / ފޮޓޯ: އެމްއެންޑީއެފް

މިހާތަނަށް ކުރި މަސައްކަތުން މުދިމު ފެނިފައި ނުވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އެންއެންޑީއެފް ނޯތާން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަނުން ދަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ބުނީ އަދިވެސް މި އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާގެ މުދިމު މޫދަށް ފުންމާލާތަން ސީސީޓީވީން ފެނެއެވެ. އޭނާ ފޯން ކޯލް އެއްގައި ހުރެ، ރިސޯޓުގެ ސަޕްލައި ޖެޓީއަށް އަރާ ކަމަށާއި އަދި މޫދަށް ފުންމާލާތަން ފެނުނު ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭ 10:13 ހާއިރެވެ.

މިހާރު މިހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް ލިބުނު މައުލޫމާތުން އެ މީހާ ފުންމާލަން ޖެހުނު ސަބަބެއް ސާފުވާގޮތެއް ނުވެއެވެ.