މޯބައިލްގެ ސިގްނަލް ވަރުގަދަ ކުރުމަށް ބޫސްޓަރާއި ރިޕީޓަރު ފަދަ ތަކެތި އަމިއްލައަށް އިންސްޓޯލް ނުކުރުމަށް އެދިއްޖެއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ބުނީ، މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލް ލިބޭ މިންވަރުު ރަނގަޅު ކުރުމަށްޓަކައި އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރުު ފަދަތަކެތި އިންސްޓޯލް ކުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި ބޭނުން ކުރުމުން އެ ބަހައްޓާ ތަނެއްގައި މޯބައިލް ސިގްނަލް ވަރުގަދަ ވިޔަސް އެ ސަރަހައްދުގެ މޯބައިލް ސިގްނަލަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށާއި އަދި އެހެން ފަރާތްތަކުން މޯބައިލް ފޯނު ބޭނުންކުރުމުގެ ގިނަ ދަތިތަކެއް ކުރިމަތިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ އެފަރާތުން ބުނެއެވެ.

އެހެންކަމުން މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓާ އާއި ރިޕީޓަރު ފަދަ ތަކެތި އާންމު ފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ވަނީ އެދިފައެވެ. ހަމައެއާއެކު މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލަތަކެއް އުޅޭ ނަމަ ހިދުމަތްދޭ ކުންފުނިތަަކަށް ގުޅުމުން އެ މައްސަލަ ހައްލުކޮށްދިނުމަށް އެފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ. އެގޮތުން މިކަމާ ގުޅޭގޮތުން ހިދުމަތްދޭ ފަރާތްތަކުން ވަނީ އެ އޮތޯރިޓީއާ އެކު މަޝަވްރާކޮށްފައި ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

ސިގްނަލް ލިބުމުގެ މައްސަލަ ހައްލު ނުވާނަމަ ހިދުމަތްދޭ ކުންފުނީގެ އިތުރުން އެ އޮތޯރިޓީއަށްވެސް މައްސަލަ ހުށަހެޅޭނެކަމަށާއި އަދި އެ މައްސަލަ ހައްލުކޮށްދިނުމަށް އެ ފަރާތުން އެހީތެރިވެދޭނެ ކަމަށް ވެސް އެ ކޮމިއުނިކޭޝަން އޮތޯރިޓީން ބުނެއެވެ.