ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިއަދު ކާފިއު ހިންގި 3 ގަޑިއިރު ތެރޭގައި 183 ފަރާތަކަށް ފުލުހުން ނަސޭހަތް ދީފައިވާ ކަމަށް ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ކާފިއު ހިންގި ވަގުތުގައި ފުރަތަމަ ފަހަަރަށް ނަސޭހަތް ދެވިފައިވަނީ 183 ފަރާތަކަށް ކަމަށާއި، އަދި ދެވަނަ ފަހަރަށް ނަސޭހަތް ދެވިފައިވަނީ 6 ފަރާތަކަށް ކަމަށެވެ. ފުރަތަމަ ނަސޭހަތް ދެވުނު 183 މީހުންގެ ތެރޭގައި ހިމެނެނީ 150 ދިވެހިންނާއި 33 ބިދޭސީން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިއަދު 183 ފަރާތަކަށް ފުލުހުން ނަސޭހަތް ދީފައިވާއިރު، އެކަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. ޖޫރިމަނާ ކުރަނީ ޖައްސަ ޖައްސައިގެން 4 ވަނަ ދުވަހަކު އެމީހަކަށް ނަސޭހަތް ދޭން ޖެހުނީމައި ކަމަށް ފުލުހުން ބުނެއެވެ.
ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަަރަށް ދޭ ނަސޭހަތާއި އިންޒާރު ގުނަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ފުލުހުން ރިކޯޑްކޮށްފަިއވާ މައުލޫމާތަށް ބަލާފައި ކަމަށް އެފަރާތުން ބުނެއެވެ. މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލޭ، ވިލިމާލެ، އަދި ހުޅުމާލޭގައި ކާފިއު ހިންގަމުން ދަނީ ހަވީރު 5:00 އިން ރޭގަނޑު 8:00 އާ ދެމެދުގައެވެ.
މިއަދަކީ ކަފިއު ހިންގި ފަސްވަނަ ދުވަހެވެ. ފުރަތަމަ ދުވަހު 95 މީހަކަށް ނަސޭހަތްދީފައި ވާއިރު، ދެވަނަ ދުވަހު 183 މީހަކަށް ވަނީ ނަސޭހަތް ދީފައެވެ. ތިންވަަނަ ދުވަހު 141 ފަރާތަކާއި ހަތަރުވަނަ ދުވަހު 139 ފަރާތަކަށް ވަނީ ނަސޭހަތް ދީފައެވެ. އެހެންކަމުން މިއަދާ ހަަމައަށް ޖުމްލަ 741 މީހަކަށް މި ވަނީ ނަސޭހަތްދެވިފައެވެ.