ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައްތާފުޅުގެ ޖަނާޒާއަށް އެމަނިކުފާނު ވަޑައިނުގަތް ކަމަށް ބުނެ ރާއްޖެއެމްވީ އިން ޝައިއުކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް އިދިކޮޅުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، މިއަދު ރާއްޖެއެމްވީ ވެބްސައިޓުގައި ޝާއިއުކުރި، ރައީސް ޔާމީންގެ ދައްތާފުޅުގެ ޖަނާޒާއަށް ރައީސް ޔާމީން ވަޑައިނުގެންނެވި ކަމަށް ބުނެފައިވާ ހަބަރަކީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ މަގްސަދުގައި ލިޔެފައިވާ ދޮގު ހަބަރެއް ކަމަށެވެ. އެހެންކަމުން މޯލްޑިވްސް މިޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން މި މައްސަލަ ވަގުތުން ވަގުތަށް ބަލައި، ފިޔަވަޅު އެޅުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ރާއްޖެއެމްވީން ޝައިއުކުރި ހަބަރުގެ މައްސަލަ ކުށްވެރިކުރަމުން އެ ކޯލިޝަނުން ބުނީ، ދައްތާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެމަނިކުފާނުގެ އާއިލާ ތިއްބެވި ވަގުތެއްގައި ސިޔާސީ މުހުތާދެއް ފުއްދުމުގެ ބޭނުމުގައި އެފަދަ ހަޑިމުޑުދާރު ކަންކަން ކޮށް އާއިލާއަށް އިތުރު އަނިޔާއެއް ދިނުމަކީ އެ ކޯލިޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަަމަށެވެ. އެގޮތުން ރައީސް ޔާމީންގެ އަބުރަށް އަރައިގަނެ ރާއްޖެއެމްވީން ނެރުނު ލިޔުމަކީ ނޫސްވެރިކަމުގެ އެތިކްސްއާ ވެސް ހިލާފު ކަމެއް ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ރައީސް ޔާމީންގެ އަގުވައްޓާލުމުގެ ގޮތުން ބައެއް މީޑިއާތަކުން ކުރަމުން ގެންދާ މިފަދަ ނާތަހުޒީބު އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް އެފަރާތުން ވަނީ ގޮވާލާފައެވެ. އަދި ރައީސް ޔާމީންއާ ގުޅޭ ގޮތުން ރާއްޖެއެމްވީގައި އެ ދޮގު ހަބަރު ލިޔެވިފައިވާ ފަރާތުންނާއި ރާއްޖެއެމްވީގެ ފަރާތުން އެ މަނިކުފާނުގެ އާއިލާގެ ކިބައިން މައާފަށް އެދުމަށްވެސް ވަނީ ގޮވާލާފައެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޮއްކޯފުޅު މޫމިނާ އަބްދުލް ގައްޔޫމްއާ ސަލާމް ކުރައްވަނީ

ރައީސް ޔާމީންގެ ދައްތާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މޫމިނާގެ މައްޗަށް ކަށު ނަމާދު ކުރީ މިއަދުގެ އަސްރު ނަމާދަށްފަހު މާލޭގެ އާ ސަހަރާ މިސްކުތުގައެވެ. މޫމިނާ އަވަހާރަވީ އިރު އުމުރުފުޅަކީ 80 އަހަރެވެ.

މޫމިނާއަކީ ދިވެހި ބަހާއި އަދަބިއްޔާތައް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ދިވެހި ދައުލަތަށް އަދި ގަލޮޅު އަވަށަށް ވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވެސް ވެއެވެ. އެގޮތުން ދިވެހި ބަަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި ގަލޮޅު އަވަށުވެރިޔާގެ އެހީތެރިޔާގެ މަގާމު މޫމިނާ ފުރުއްވެވިއެވެ.