އދ. ފެންފުށީގައި ވައްކަން ކޮށް އެ މުދާ ވިއްކި 2 ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އދ. ފެންފުށި ކޮންސްޓަކްޝަން ސައިޓަކުން ވައްކަންކޮށްފައިވާ މައްސަަލއެއް މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުން އެ ސީނަށް ގޮސް އިތުރަށް ބެލިބެލުމުން އެތަނުން ވަގަށް ނަގާފައިވަނީ 4 ކުޑަދޮރާއި 6 ބަސްތާ ސިމެންތިއާއި، 15 ދަގަނޑު ހޮޅި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ވަގަށް ނެގިކަމަށް ބެލެވޭ ތަކެތީގެ ތެރެއިން 4 ކުޑަދޮރު އަދި 4 ބަސްތާ ސިމެންތި މީހަކަށް ވިއްކާފައި ވަނިކޮށް ކޯޓު އަމުރެއްގެ ދަށުން އެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ދެ ދަގަނޑުހޮޅި ހޯދާ އެވެސް ވެރިފަރާތާ ހަވާލު ކުރެވިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން 27 އަހަރާއި 35 އަހަރުގެ ދެ ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ދެމީހުންގެ ބަންދުގެ މުއްދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދިވެސް ފުލުހުން ދަނީ މި ަމއްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.