ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އިހުމާލުވާ މުވައްޒަފުން ސަސްޕެންޑު ކުރާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ތިބި ދެ ކުއްޖަކަށް އެތަނުގެ ހަތަރު މުވައްޒަފަކު އިހުމާލުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓާ ވިދާޅުވީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކުގައި މިހާރުވެސް މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެންމެ ފުރަތަމަ އެފަދަ ކަންކަމުގައި އެޅޭނެ ފިޔަވަޅަކީ ސަސްޕެންޑު ކުރުން ކަމަށެވެ.

އަޅުގަނޑަށް ފުރަތަމަ އެޅޭނެ ފިޔަވަޅަކީ ސަސްޕެންޑު ކުރުން. ސަސްޕެންޑު ކުރާނެ އެކަހަލަ ކަންކަމުގައި. ދެން ސިވިލް ސާވިސް އޮތީމަ، އެތަނުގައި އޮންނަ ގޮތަށް އަޅުގަނޑަށް ގެންދެވޭނީ
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

މީގެ އިތުރުން ޖެންޑާ މިނިސްޓާ ވިދާޅުވީ ކުޑަކުދިންނާ ގުޅޭ އެފަދަ ކަންކަމުގައި ގެންގުޅޭ އަސާސަކީ ކުޑަކުދިން ބަލާ ތަންތަނުގައި، ކުޑަ ކުއްޖަކަށް އިހުމާލުވާކަން ހެއްކާއެކު ފެނިއްޖެނަމަ ދެން އެ މީހަކަށް ކުޑަކުދިން ކައިރީގައި ނުތިބެވޭނެ ކަމަށެވެ.

ކުޑަކުދިންނަށް ކުރާ އެކިކަހަލަ އަނިޔާތަކުގެ ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު 121 މައްސަލައަކާއި، ފެބްރުއަރީ މަހު 169 މައްސަލައަކާއި، މާޗް މަހު 101 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސަޓާ ވިދާޅުވިއެވެ. ރިޕޯޓުކޮށްފަިއވާ މައްސަލަތަަކަށް ބަލާއިރު މާޗްމަހު ރިޕޯޓުކޮށްފައިވާ މައްސަލަަތަކުގެ އަދަދު މަދުކަން ފާހަގަކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.