ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޭޝް ކައުންޓަރުތައް މިހަފްތާގެ 3 ދުވަހު ހުޅުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ރޯގާއާ ގުޅިގެން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާތީ، މި މުއްދަތުގައި އެ ކޯޕަރޭޝަންގެ ކޭޝް ކައުންޓަރުތަކުން ފައިސާ ބަލައިގަތުމަށް 3 ދުވަސް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަސް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި، 3 ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އެ ކޯޕަރޭޝަނުގެ ކޭޝް ކައުންޓަރުތަކުން ފައިސާ ބަލައިގަންނާނެ ކަމަށެވެ.

އެޗްޑީސީން ވަނީ، މި ދަނޑިވަޅަކީ އިޖުތިމާއީ ގައިދުރުކަން އިސްކުރަން ޖެހިފައިވާ ދަނޑިވަޅަކަށްވާތީ، އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ކޯޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާ، އޮންލައިންކޮށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، އެ ކޯޕަރޭޝަނުގެ އެކައުންޓް ނަންބަރަށް ފައިސާ ޓްރާންސްފާ ކުރުމަށް އެ ކޯޕަރޭޝަން ވަނީ އެދިފައެވެ. އަދި ރިސިޕްޓްކޮޅު، ފައިސާ ދެއްކި ތަނުގެ ތަފްސީލާއެކު 7290448 އަށް ވައިބާ ކުރުމަށް ވެސް އެ ކޯޕަރޭޝަނުން އެދެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް ބޭނުންވާ ފަރާތްތަކުން، އެޗްޑީސީގެ ނަންބަރު، 3353535 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.