މިއަހަރުގެ ނޮވެމްބަރު މަހު ގްލަސްގޯގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ، މޫސުމީ ބަދަލުތަކާ ބެހޭ އދގެ ބައްދަލުވުން (ކޮޕް 26)، ފަސްކުރުމަށް ނިންމާފައިވާކަން އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކޮށްފިއެވެ.
ކޮންފަރެންސް އޮފް ޕާޓީޒްގެ 26 ވަނަ އަހަރީ ބައްދަލުވުން (ކޮޕް-26) ފަސްކޮށްފައިވަނީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަނާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑަ-19)ގެ ސަބަބުން ކަމަށްވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19އާ ދެކޮޅަށް ދުނިޔެ ހަނގުރާމަ ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ކޮޕް-26 ފަދަ ވަރުގަދަ ސަމިޓެއް ކުރިއަށް ގެންދިއުމަކީ ވާނެވަރުގެ ކަމެއް ނޫންކަމަށާ، އަންނަ އަހަރަށް ކޮންފަރެންސް ފަސްކޮށްފައިވާއިރު، ބައްދަލުވުން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރެވޭނެ ކަމަށެވެ.
ދުނިޔޭ ހޫނުވަމުންދާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ ލީޑަރުންނާއެކު 30000 އަށްވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވެގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ ކޮޕް-26 ސަމިޓަކީ ތިމާވެއްޓާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ޕްލެޓްފޯމެކެވެ.
އދގެ ކްލައިމެޓް ޗޭންޖް އެގްޒެކެޓިވް ޕެޓްރީޝާ އެސްޕިނޯސާ ވިދާޅުވީ ބައްދަލުވުން ފަސްކުރުމަކީ ނުވެނުދާނެ ކަމެއް ކަމަށާ، ނަމަވެސް ކޮވިޑް-19އަކީ މުސޫމީ ނޭދެވޭ ބަދަލުތަކާ ގޮންޖެހުންތަކާ ގުޅިގެން ކުރާ މަޝްވަރާތަކުން ދުނިޔެ މުޅިން އެއްކިބާ ވެގެންވާނެ ކަމެއް ނޫންކަމަށެވެ.