ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި ދެކޮޅަށް 22 ރޭ ވަންދެން ކުރި އެއްވެސް މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށާއި އެމަނިކުފާނަކީ ބަގާވާތް ކުރި ބޭފުޅެއް ކަމަށް ވިދާޅުވި ވާހަކައަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފިއެވެ.
ޑރ. ޝަހީމް ފައްޓަވާފައިވާ ގުރުއާން ކިޔެވުމުގެ ޗެލެންޖުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ޝަހީމްގެ ފަރާތުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެރުވުމުން އެކަމަށް ފާޑު ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަގާވާތް ކުރުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔައީ ބަގާވާތަކުން ކަމަށް ވިދާޅުވެ ޝިފާޒު ވިދާޅުވީ މި ރާއްޖޭގައި ހިނގާދިޔަ ބަގާވާތުގައި ޑރ. ޝަހީމު ބައިވެރިވެވަޑައިގެންނެވި ކަމަށް އެތައް ބަޔަކު ބުނަމުން އަންނަ ކަމަށެވެ. އެހެންކަމުން ޗެލެންޖަކަށް ވަޑައިގަތުމުގެ ކުރިން ތައުބާވެވަޑައިގަތުމަށް ޝަހީމަށް ޝިފާޒު ވަނީ ގޮވާލައްވާފައެވެ.
އެކަމަށް ރައްދު ދެއްވާ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ވެއްޓިގެން ދިއޔުމާއި އަދި އެވެރިކަން ބަދަލުވުމަށް މެދުވެރިވެގެން ދިޔަ 22 މުޒާހަރާތަކުގައި ގުޅިގެން ނަޝީދަށް ޗެލެންޖު ކުރައްވާ ކަމަށެވެ. 7 ފެބްރުއަރީ އައުމާއި ހަމައަށް ހިނގާދިޔަ 22 ރޭގެ މުޒާހަރާތަކުގައި ޝަހީމްގެ ފޮޓޯއެއް ނުވަތަ އަޑެއް ނުވަތަ ވީޑިއޯއެއް ދައްކަވައިފި ނަމަ އެއްލައްކަ ފަންސާސް ހާސް ރުފިޔާއާ އުމްރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދު ދެއްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އެއްޗެހި އުފުއްލަ ދޭން ހުންނަވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ގުރުއާން ކިޔެވުމުގެ ޗެލެންޖުގައި ނަޝީދުގެ އިތުރުން ނާއިބު ރައީސް ފައިސަލް ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފަށް ޝަހީމް ވަނީ އެ ދައުވަތު އަރުވާފައެވެ.