ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ހިސާބުތަކުން މަރުވި މީހުންގެ އަދަދު 40000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 42158 އަށް އަރާފައެވެ.

ފާއިތުވީ 24 ގަޑިއެއްހާއިރަށް ބަލާއިރު އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވަނީ އިޓަލީވިލާތުންނެވެ. އިއްޔެ އެގައުމުން 837 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، ދެން އެންމެ ގިނަ ބަޔަކު ކޮވިޑް-19ގައި މަރުވެގެން ރިޕޯޓްކޮށްފައިވަނީ އެމެރިކާއާއި ސްޕެއިންއިންވެ. މިއިން ކޮންމެ ގައުމަކުން 748 މަރު ރިޕޯޓްކޮށްފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ، 858892 އަށް އަރާފައެވެ. މީގެ ތެރެއިން 32898 މީހެއްގެ ހާލު ސީރިއަސް/ކްރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ކަންމިހެން އޮތް ނަމަވެސް، 178100 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކޮށްފައިވާއިރު އެކި ގައުމުތަކުން ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ.