ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއް ކަމަށް ނުބެލެވޭ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ލިބުނު ރަސްމީ މައުލޫމާތަށް ބަލާއިރު ޔޫއޭއީ އިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއް ކަމަށް ނުބެލެވޭ ކަމަށާއި، އަދި އެ ގައުމުގެ ރަސްމީ ފަރާތްތަކުން ފޮނުވި ނަމަކީ އީސްޓާން ޔޫރަޕިއަންގެ ނަމެއް ކަމަށެވެ.

"މިހާތަނަށް ލިބުނު ރަސްމީ މައުލޫމާތަށް ބަލާއިރު އެމީހުން ދަންނަވާ ނަމަކީ އީސްޓާން ޔޫރަޕިއަންގެ ނަމެއް. އަޅުގަނޑުމެންގެ ހީއަކީ އެއީ ދިވެއްސެއް ނޫނޭ. އެހެން ގައުމެއްގެ މީހެއް ކަމަށް ވަނީ. ނުވަތަ މޯލްޑޯވާ ކަހަލަ ރާއްޖެއާއި ނަން ވައްތަރު ގައުމެއްގެ މީހެއް ކަމަށް ވަނީ. އަދި ރާއްޖޭގައި ރަޖިސްޓްރީ ވެފައި އޮތް ނަމެއް ނޫން އަޅުގަނޑު މެންނަށް ފޮނުވާވަނީ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިިހެން ވިދާޅު ވެފައިވާއިރު، ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ޕްރިވެންޝަން އާ ހަވާލާދީ ހާލީޖް ޓައިމްސް އިން ބުނީ ކޮވިޑް19އަށް ދިވެއްސަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ގައުމުން އަލަށް ފެނުނު ކޮވިޑް19ގެ 50 ކޭހުގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 16 މީހަކު ޕޮޒިޓިވް ވެފައިވާ އިރު އޭގެތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. އޭގެތެރެއިން 2 މީހަކީ އިޓަލީގެ ދެ ފަތުރުވެރިން ނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 14 މީހުންގެ ތެރެއިން 11 މީހަކު މި ބަލިން ރަނގަޅު ވެފައި ވާއިރު، މިހާރު އެ ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުންދަނީ 3 މީހުންނަށެވެ. އޭގެތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި އޭނާ މިހާރުވަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކުރެވިފައެވެ.

ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސަރުކާރުން ވަނީ އޮން އެރައިވަލް ވިސާ ދިނުންވެސް މެދުކަނޑާލާފަ އެވެ. އަދި އޭގެ އިތުރަށް ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުމާއި، ޖަމާއަތުގައި ނަމަދު ކުރުން މެދުކަނޑާލުންވެސް ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.