ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، އެ ގައުމަށް ދަތުރުކުރާ ބިދޭސީންނަށް ބޯޑަރު ބަންދު ކުރުމަށް ޗައިނާއިން ނިންމައިފިއެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާއިން ބިދޭސީންނަށް ބޯޑަރު ބަންދުކުރަން ނިންމާފައިވަނީ މާޗް 28 ވާ ހިނިހިރު ދުވަހުން ފަށައިގެންނެވެ.
މިއީ ކޮވިޑް-19 ފެތުރުން އަދިވެސް އިތުރަށް ކޮންޓްރޯލް ކުރުމަށް ޗައިނާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކެއް ޗޭނަށް އެންމެ ފަހުން އިތުރުކުރި ބޮޅެވެ.
ޗައިނާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބުރާސްފަތި ދުވަހު ވަނީ، ކޮންމެ ހަފުތާއަކުވެސް އެގައުމަށް އެތެރެވެވޭނީ ކޮންމެ ގައުމަކުން އެއް އެއާލައިންގެ އެއް ފްލައިޓަށް ކަމަށް ކަނޑައަޅާފައެވެ. އަދި އެ ފްލައިޓްތަކުގައި ފަސެންޖަރުން އުފުލާ ކެޕޭސިޓީއަކީ 75 ޕަސެންޓް ނުވަތަ އެއަށްވުރެ ދަށް މިންގަނޑަކަށްވާންޖެހޭނެ ކަމަށްވެސް އެ އިދާރާއިންވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ޗައިނާގެ ބޮޑެތި އެއާޕޯޓްތަކުން އެ ގައުމަށް އެތެރެވާން އަންނަ ގިނަ ފަސެންޖަރުންނަށް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް މަޖުބޫރުކުރެއެވެ.
ބިދޭސީންނަށް ޗައިނާގެ ބޯޑަރު ބަންދުކޮށްފައިވަނީ ކޮން އުސޫލަކުން ކަމެއް އަދި ތަފްސީލުކޮށް އެނގިފައެއް ނުވެއެވެ. އެގޮތުން ޗައިނާގެ ވިސާއާއި ރަށްވެހިކަން އޮންނަ ބިދޭސީ ފަރާތްތަކުގެ މައްޗަށް މި އަމުރު ހިނގާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.
ބިދޭސީންނަށް ބޯޑަރު ބަންދު ކުރި ކަމުގައި ވީ ނަމަވެސް، ޑިޕްލޮމެޓުންނާ، ފްލައިޓް ކްރޫންފަދަ ފަރާތްތަކަށް އިސްތިސްނާ ލިބިގެންވާކަމަށްވެސް ޗައިނާގެ ހާރިޖިއްޔާއާއި އިގިރޭޝަނުން އާންމުކުރި އިއުލާނެއްގައިވަނީ ބުނެފައެވެ.
ޗައިނާއިން ބުނީ ބޯޑަރު ބަންދުކުރަން ނިންމާފައިވަނީ އެހެން ގައުމުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ކަމަށާ، ޗައިނާގައި ތިބި އެ ގައުމުތަކުގެ ފަރާތްތައް ފޮނުވާލުމާ އެ ގައުމުތަކުގައި ތިބި ޗައިނާގެ ރައްޔިތުން އަނބުރާ ގެނައުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ.
ޗައިނާއިން ވަކާލާތު ކުރާ ގޮތުގައި އެގައުމުން މިހާރު ކޮވިޑް-19އަށް ޕޮޒިޓިވްވަމުންދާ އާ ކޭސްތަކަކީ ބޭރު ގައުމުތަކުން އެގައުމަށް އެތެރެވަމުންދާ މީހުންގެ ފަރާތުން އަންނަ ކޭސްތަކެވެ.