މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވައިރަހަށާ، އެ ވައިރަހުގެ ސަބަބުން ޖައްސާ ބައްޔަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބައިނަލްއަގުވާމީ ފެންވަރުގައި ތަހުލީލުތަކެއް ފަށައިފިއެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ޑަބްލިއު.އެޗް.އޯއިން ދަނީ ތަފާތު އެހެން ބަލިތަކަކަށް އުފައްދާ، ބޭނުންކުރަމުންދާ މައިގަނޑު 4 ޑްރަގެއް ނުވަތަ ޑްރަގްތަކެއްގެ ކޮމްބިނޭޝަންތަކެއް ތަހުލީލުކުރަމުންނެވެ. މި ޑްރަގްތަކަކީ މިހާރުވެސް އިންސާނުންނަށް ފަރުވާ ކުރުމަށް ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދާ ޑްރަގްތަކެކެވެ.

މި ތަހުލީލަށް މައުލޫމާތު އެއްކުރަނީ ކޮވިޑް-19ގެ ޝިކާރައަކަށްވެ ދުނިޔޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާ ޕޭޝަންޓުންގެ ކިބައިންނެވެ. އަދި މިކަމަށް ސިއްހީ ތަޖުރިބާކާރުންގެ އެހީތެރިކަންވެސް ޑަބްލިއު.އެޗް.އޯއިން ހޯދަމުންދާކަމަށް ޚަބަރު ލިބެއެވެ.

މާޗް 20 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު ތައިލެންޑް، އާޖެންޓީނާ، ބަހްރައިން، ކެނެޑާ، ފަރަންސޭސިވިލާތް، އީރާނު، ނޯވޭ، ދެކުނު އެފްރިކާ، ސްޕެއިން އަދި ސްވިޓްޒަލްނޑްއިންވަނީ މި ތަހުލީލުތަކުގައި ބައިވެރިވުމަށް ސޮއި ދީފައެވެ. އަދި މި ދިރާސާގައި މައުލޫމާތު އެއްކުރާނީ ބަލި މީހާގެ އިޒުނަޔާވެސް އެކުގައި ކަމަށްވެއެވެ.

މި ދިރާސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑަބްލިއު.އެޗް.އޯއިން ކަނޑައަޅާ ޑްރަގެއް ޕޭޝަންޓަށް ދީގެންނެވެ. އެގޮތުން ފަރުވާ ހޯދައިގެން ހޮސްޕިޓަލުން އެމީހަކު ދޫކޮށްލި ތާރީހު ނުވަތަ ބަލީގައި އެމީހަކު މަރުވެދިޔަ ތާރީހުވެސް ލޮގްކުރާނެއެވެ. އެގޮތުން ހޮސްޕިޓަލުގައި އެމީހަކު ހޭދަކުރި މުއްދަތާ، އޮކްސިޖަންއާއި ވެންޓިލޭޓަރުގެ އެހީ ބޭނުންވިތޯވެސް ބަލާނެ ކަމަށް ޑަބްލިއު.އެޗް.އޯގެ ޑިޕާޓްމަންޓް އޮފް އިމިއުނައިޒޭޝަން ވެކްސީންސް އެންޑް ބައޮލޮޖިކަލްސްގެ މެޑިކަލް އޮފިސާ އެނާ މާރިއާ ހެނާއޯ ރެސްތްރެޕޯ ވަނީ ހާމަކޮށްފައެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރެކޯޑް ރޭޓެއްގައި ކުރިއަށް ގެންދާ ތަހުލީލެއް ނަމަވެސް، ކޮވިޑް-19އަށް ކަނޑައެޅޭ ވަކި ފަރުވާއަކީ ކޮބާކަން ކަށަވަރުވާނެ ތާރީހެއް އަދި ނޭނގެއެވެ.