ކުނި ބޭރުކުރާއިރު އިތުރު ކޮތަޅެއް ލެއްވުމަށް ވެމްކޯއިން އެދެފިއެވެ.

ވެމްކޯއިން މިހެން އެދިފައި ވަނީ، ކޮވިޑް-19އާ ގުޅިގެން ވެމްކޯއިން ކުރާ މަސައްކަތްތަކަށް ބަދަލެއް ގެނެސްފައި ނުވާތީ، އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

ވެމްކޯއިން މިއަދު ނެރުނު އިލްތިމާސެއްގައި، ބުނީ، ކޮވިޑް-19އާ ގުޅިގެން އެ ކުންފުނިން މަސައްކަތް ކުރަމުންދާ ގޮތަށް އަދި ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. ނަމަވެސް ކުނި އުކަލާއިރު، ކުނި ކޮތަޅު ސާފު، އިތުުރު ކޮތަޅަކަށް ލުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން ބުނީ، ކުނި ކޮތަޅަކަށް ކުނި އަޅަން އެންމެ ރަނގަޅީ، ތިން ބައި ކުޅަ ދެބަޔަށް ވުރެ މައްޗަށް ނާރާ ގޮތަށް ކަމަށެވެ. އަދި ލީކުވާފަދަ ގޮތަކަށް އެއްޗެހި ހުރިހަ ނުދިނުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

ވެމްކޯއިން ކޮށްފައިވާ އިލްތިމާސް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ހިއްސާކުރައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭފަރަތްތަކުން މެދުނުކެނޑި ގޮވާލަމުންދާއިރު، ރާއްޖެއިން 13 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެތެރެއިން 9 މީހަކު ރަނަގޅުވެފައި ވާއިރު، މިހަރު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 4 މީހެކެވެ.