ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބޭ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ލިޔެކިޔުންތައް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު މީހުންގެ ލިޔެކިޔުންތައް ހުށަހަޅަން މިނިސްޓްރީން އެންގި މުއްދަތު ހަމަވެފައި ވަނީ ސަރުކާރު ބަންދު ކުރި މުއްދަތުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެ މުއްދަތު ދެން ސަރުކާރު ހުޅުވޭ ތާރީހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު ފަރާތްތަކުން އައިޑީ ކާޑު ކޮޕީގެ އިތުރުން ފްލެޓް ދޭނެ ކަމަށް އެއްބަސްވެ ސަރުކާރުން ދީފައިވާ ލިޔެކިޔުންތަކާއި، ދޫކޮށްލަން އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ހައުސިން މިނިސްޓްރީން އަންގާފައިވެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ދޭނެކަމުގެ ލިޔުން ލިބި ފްލެޓް ހަވާލު ނުކުރާ މީހުނާއި، މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި މިހާތަނަށް ގޯތި ލިބިފައި ނުވާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށައި މިއަދުން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުރިހާ ލިޔުންތައް އެ މިނިސްޓްރީއަށް ހުށަހަޅަން މިދިޔަ މަހު ކުރި އިއުލާނެއްގައި އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ވެށިފަހި މާލެ ޕްރޮގްރާމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ފެށްޓި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެ އަދި ގުޅީފަޅުން ފުލެޓް ދިނުމާއި ބިން ދޫކުރުން ކުރިއަށް ގެންދިޔައެވެ. އެ ފުލެޓް ތަކަށް އެދި 22000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމަށް ފަހު އެ ޕްރޮގްރާމް ހުއްޓާލައި، ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔައީ ހިޔާ މަޝްރޫއަކާއި ގެދޮރުވެރިކުރުމުގެ ޕްރޮގްރާމެކެވެ. ނަމަވެސް އެޕްރޮގްރާމުތައްވެސް އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވެއެވެ.