ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގެ ކަރަންޓީން ފެސިލިޓީގައި ހުރި ދިވެއްސަކު "ދަ ޕްރެސް"އަށް އޭނާގެ ތަޖުރިބާގެ ވާހަކަ ފެށީ އެހިސާބުންނެވެ. އޭނާ ބުނި ގޮތުގައި މިދިޔަ ބުދަ ދުވަހު ކަރަންޓީން ކުރީ ފިރިމީހާ އާއި މަންމައާ އެކު މެލޭޝިއާއިން އައުމާ އެކުއެވެ. 23 ދުވަހު މަންމަގެ ބޭސްފަރުވާއަށް މެލޭޝިއާގައި ހުރެފައި އައިސް ކަރަންޓީން ވާން ޖެހޭނެ ކަމަށް ބުނުމުން ބިރު ނުގަތް ނަމަވެސް ހިތަށް ފުރަތަމަ ވެރިވީ ސުނާމީ ކާރިސާގައި އެހީތެރިވުމަށް ވަގުތީ ޓެންޓުގައި އުޅުނު ދުވަސްތައް ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް އެތަނަށް އާދެވުމާއެކު ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެއް ކަމަށާއި އެއީ ކަރަންޓީން ފެސިލިޓީއެކޭ ބުނަންވެސް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި މެލޭޝިއާއިން ރާއްޖެއައިސް ހުޅުލޭގެ ރަންވޭއަށް ބޯޓު ޖެއްސުމާއެކު، ބޯޓުން ފޭބި އިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން އައިސް ތިބިކަމަށާއި އެހިސާބުން ފެށިގެން އެމީހުންގެ މަސައްކަތް ފެށިކަމަށް އޭނާ ކިޔައިދިނެވެ. ހުން ބެލުމާއި ހުރިހާ ކަމެއް ނިންމުމަށް ފަހު އެ ފްލައިޓުން އައި މީހުން ވޭން އަކަށް އެރުވި ކަމަށްވެސް އޭނާ ކިޔައިދިނެވެ.
އެއަށްފަހު އެ ވޭނަށް "ރެޑް ކޮރޮސް" ގެ މީހުން ތަކެއް އެރި ކަމަށާއި އެމީހުންގެ ތައާރަފެއް ދިނުމަށް ފަހު އޭނައާއެކު އެއް ފްލައިޓެއްގައި އައި ފަތުރުވެރިންނަށް އެތަނުގައި ވާނުވާ ކިޔައިދިން ކަމަށް އޭނާ ބުނެއެވެ. ވޭނަށް އަރުވައިގެން އެންމެން ގެންދިޔައީ ރޫމަކަށް ކަމަށާއި އެތަނުގައި އެމްއެންޑީއެފާއި ޕޮލިހުން ހަތަކާތްތެރި ވަމުން ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ.
އެޗްއައިއެޗަށް ގެންގޮސް ފުރަތަމަ ބެހެއްޓި ރޫމް އެހާ ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް ފަހުން އެޗްޕީއޭގެ މީހުން އައިސް ރޫމް ބަދަލުކޮށްދިން ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ ބުނީ އެޗްއައިއެޗްގައި ހުންނަނީ ކޮންމެ މީހަކަށް ރޫމެއް ކަމަށެވެ. ނަމަވެސް އޭނާގެ މަންމައަކީ ބަލި މީހެއް ކަމުން އެއް ރޫމަކަށް ބަދަލު ކުރުމަށް އެދުމުން މަންމަ އާއި ދެމީހުން އެއް ރޫމަކަށް ބަދަލު ކޮށްދިން ކަމަށް އޭނާ ކިޔައިދިނެވެ.
ކަރަންޓީން ކުރިތާ ހަތަރު ދުވަސް ވެފައި ވާއިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް "ޗެކަޕް" ކުރުމަށް އަންނަ ކަމަށާއި އެއްވެސް ކަހަކަ އާލާމާތެއް ފެންނަ ނަމަ ގުޅުމަށް ނަންބަރުތަކެއް ދީފައި ހުންނަ ކަމަށްވެސް އޭނާ ކިޔައިދިނެވެ. މީގެ އިތުރުން ކެއުން ގެނައުމުގައި ބަލި މީހެއް ނަމަ އެމީހަކަށް ކެވޭނެ ގޮތަށް އެއްޗެހި ތައްޔާރު ކޮށްގެން ގެންނަ ކަމަށާއި އިތުރު އެއްޗެއް ބޭނުންވޭތޯ އައިސް އަހާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. އަދި އޭގެ އިތުރުން ކަސްރަތު ކުރުމަށް ބޭނުންވާ މެޝިންތައްވެސް ކޮޓަރީގައި ހުންނަކަން އޭނާ ފާހަގަ ކޮށްފައިވެއެވެ. އޭނާ ކިޔައިދިން ގޮތުގައި އަމިއްލަ ގޭގައި ކަރަންޓީން ވެގެން އެތަނުން އެ ލިބޭ ހިދުމަތްތަށް ނުލިބޭނެ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އާއިލާގައި އުޅޭ މީހުންވެސް މިދަ ދަނޑިވަޅެއްގައި އަމިއްލަ ގޭގައި ހުންނައިރު އެ ބަލީގެ ބިރު އޮންނާނެ ކަމަށާއި އެގޮތަށް ކަރަންޓީން ވުން މާ ރަނގަޅު ކަމަށް އޭނާ ބުނެއެވެ. އެގޮތުން އެމީހުންގެ ފަރާތުން ލިބޭ އަޅާލުމާއި އޯގާތެރިކަން ވަނީ ފާހަގަ ކޮށްފައެވެ.
ސާފުތާހިރު ކަމަށް އިސްކަންދޭ ކަމަށް ބުނެ އޭނާ ކިޔައިދިން ގޮތުގައި ސާފު ކުރުމަށް އަންނަ މީހުންވެސް ހުންނަނީ "ޕްރޮޓެކްޓިވް ގިއާ"ލައިގެން ކަމަށް އޭނާ ކިޔައިދިނެވެ. އެއްކޮށް ސާފުކުރުމަށް ފަހު ކޮޓަރި ސެނެޓައިޒާއިން ސާފުކުރާ ކަމަށް އޭނާ ކިޔައިދިނެވެ.
ކަރަންޓީން ފެސިލިޓީތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ނަމަވެސް އެ ފެންވަރުގެ ކަރަންޓީން ފެސިލިޓީއެއް ދުނިޔޭގެ އެހެން ތަނެއްގައި ހުންނާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށާއި ސަރުކާރުން ކޮވިޑް-19 އަށް ތައްޔާރު ވެފައިވާ މިންވަރު ފާހަގަ ކުރެވޭ ކަމަށް އޭނާ ކިޔައިދިނެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއަށް އެތެރެވާ އެންމެން ކަރަންޓީން ކުރަން ނިންމާފައި ވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ މިމަހުގެ 18 ވަނަ ދުވަހެވެ.
ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުން ކުރަމުން ދާ ތަންތަނަކީ ފަރުކޮޅު ފުށި، ވެލިދޫ އައިލެންޑް ރިސޯޓް، ފަން އައިލެންޑް ރިސޯޓް، ބިޔާދޫ އައިލެންޑް ރިސޯޓް، ހޮލިޑޭ އައިލެންޑް ރިސޯޓް، ވިލިވަރު އައިލެންޑް ރިސޯޓް، ކުޑަ ބަނޑޮސް، ދިއްގަރު އައިލެންޑް ރިސޯޓާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން އެޗްއައިއެޗެވެ. އެ ތަންތަނުން 2،288 އެނދު ހަމަޖައްސާފައި ވާއިރު، މިވަގުތު 249 މީހަކު އެބަ ތިބި ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް 13 ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅު ވެފަ އެވެ. މިހާތަނަށް އަދި ދިވެއްސަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްއެއް ނުވެއެވެ. އެކަމަކު ސަރުކާރުން ގެންދަނީ އެފަދަ ނުރައްކަލެއް ކުރިމަތި ވެދާނެތީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.
ދެން މަ ކަރުން ގޭގަ ނުތިބެ އެތަނަށް ދާން ތެޅޭނީ ކީ ނޫން. މިހާރު ގިނަ ދިވެހިންނަ ކީ ނެތް ފެންވަރުން ހިހޫތަނުން ކައިގެން އުޅޭހިތްވާބައެއް
ސާފު ކުރި ދުވަހެއް ނޭގޭ މިތަން
ކަޑަ އާއިލާއެއްނު.