ކޮވިޑް19 ރާއްޖެއިން ފެނިފައިވާ މި ދަނޑިވަޅު ސްކޫލުތައް ބަންދުކޮށް ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވުމުން އެކަން ފަސޭހަ ކަމާ އެކު ކުރެވޭނެ އިންތިޒާމު އުރީދޫ އިން ހަމަޖައްސައިދީފިއެވެ.

އެގޮތުން އުރީދޫއިން ވަނީ އޮންލައިންކޮށް ކިޔަވައި ދިނުމަށް ބޭނުންވާ އެހީތެރިކަން އެޑިއުކޭޝަން މިނިސްޓްރީއަށް ފޯރުކޮށްދީފައެވެ. އުރީދޫ އިން ވަނީ އެޑިއުކޭޝަން އަށް ގޫގުލް ކްލާސްރޫމާއި މޫޑުލް ފަދަ ތައުލީމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެފަދަ އެޕްލިކޭޝަން ބޭނުން ކުރުމަށް އުރީދޫއިން ވަނީ ހާއްސަ ޑޭޓާ އެލަވަންސެއް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އުރީދޫން ބުނީ އެ ހިދުމަތް ލިބިގެންދާނީ އެޑިއުކޭޝަން މިނިސްޓްރީން އުރީދުއަށް ފޯރުކޮށްދޭ ލިސްޓުގައި ހިމެނޭ ދަރިވަރުންނާއި ޓީޗަރުންނަށް ކަމަށެވެ.

މީގެއިތުރުން އުރީދޫ އިން ވަނީ އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުން ނަގާ ކޮންމެ މޯބައިލް ޑޭޓާ ޕެކޭޖަކަށް 25 އިންސައްތަ އިތުރު ބޯނަސް ޑާޓާ ހިލޭ މިހާރު ލިބިގެންދާ ގޮތަށް ވެސް ހަމަޖައްސާފައެވެ. އަދި މިއީ ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތުން ބޭރަށް ނުގޮސް އެކަކު އަނެކަކަށް ފަސޭހައިން ވާހަކަ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމެއް ކަމަށް އުރީދޫ އިން ބުންޏެވެ.

މީގެ އިތުރުންވެސް އުރީދޫއިން ވަނީ ކޮވިޑް19 އާއި ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ފަސޭހަތަކެއް ފޯރުކޮށް ދީފައެވެ. އެގޮތުން މި ހިންގާ މާޗްމަހު ބިލް ނުދެއްކޭ ފަރާތްތަކުގެ ހިދުމަތް ކަނޑާނުލާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އުރީދޫއިން ބުނީ އެ ފުރުސަތު ލިބޭނީ އުރީދޫގެ ޕޯސްޓްޕެއިޑް މޯބައިލްގެ ހިދުމަތް ހޯދާ ފަރާތްތަކަށާއި ފައިބާ އަދި ވަޔާލެސް ބްރޯޑްބޭންޑް ހިދުމަތް ހޯދާ ފަރާތްތަކަށް ކަމަށެވެ.

ހަމައެއާއެކު ތަންތަނަށް ދިއުން މަދު ކުރުމަށް ގޮވާލާފައިވާ މިދުވަސްވަރުގައި ގިނަ ވަގުތު ގޭގައި މީހުން ތިބޭނެތީ ދުރުގައި ތިބޭ ރައްޓެހިންނާއި އާއިލާގެ މެންބަރުންގެ ހާލު ބަލަން ބޭނުންވާނެ ކަމަށް އުރީދޫން ބުނެއެވެ. އެހެންކަމުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއް މަސްދުވަހުގެ ބޯނަސް 25 ޕަސެންޓް ޑާޓާ އެލަވަންސް ވެސް ހަމަޖައްސައިދީފައިވާ ކަމަށް އުރީދޫން ބުނެއެވެ.