ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނި ރާއްޖޭގެ އިގްތިސޯދަށް ލޮޅުން އަރަމުން ދާތީ ސަރުކާރުގެ އިދާރާތަކުގެ ހަރަދުތައް ކުޑަ ކުރުމަށް އަންގާފައިވުމުން މޯލްޑިވްސް ކަސްޓަމްސް އިން ދޭ ބައެއް ހިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ކަސްޓަމްސް އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަަތަށް ނެރެގެން ހިދުމަތްދެވޭނެ ގޮތަށް ސަރުކާރުން ނިންމުމާއި ގުޅިގެން މާދަމާއިން ފެށިގެން ކަސްޓަމްސްގެ މަސައްކަތުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެއާ ކާގޯ ޑޮކިއުމެންޓޭޝަން އަދި އެއާ ކާގޯ އެގްޒަމިނޭޝަން އިން ހަފްތާގެ ހުރިހާ ދުވަަހަކު ހެނދުނު 6:00 އިން މެންދަމު 1:30 އަށް ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އަދި ސީކާގޯ ޑޮކިއުމެންޓޭޝަން އަދި ސީކާގޯ އެގްޒަމިނޭޝަން އާއި ހުޅުމާލެ ސީކާގޯ އެގްޒަމިނޭޝަން އިން ހެނދުނު 8:00 އިން ރޭގަނޑު 20:00 އަށް ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން ބުނީ އެ ދެ ހިދުމަތްވެސް ހުކުރު ދުވަހަށް ބަންދު ވާނެ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް ލިބިގެން ގޮސްފައެވެ. އެގޮތުން އެ ސިނާއަތުން ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރުވެސް މިހާރު ދަނީ ދަށްވަމުންނެވެ. އެހެންކަމުން ލަފާ ކުރި އަދަދާއި ގާތް ކުރާ ވަރުގެ އާމްދަނީއެއް ދައުލަތަށް ނުލިބިދާނެތީ ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމަށް އަންގާފައެވެ. މީގެއިތުރުން ކުރިއަށް އޮތް ހަފްތާ އަށް ސަރުކާރު ބަންދުކޮށް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަތައްވެސް ކުޑަ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށެވެ.