ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވުމާ ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އަށް ފޮނުވައިފިއެވެ. މި ޓީމުން ވަނީ މިއަދު ރާއްޖެއަށް އައިސްފައެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މި ޓީމަށް މަރުހަބާ ދަންނަވާފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އިންޑިއާއިން އެހީތެރިކަން ފޯރު ކޮށްދިނީތީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އިންޑިއާއިން ރާއްޖެ ފޮނުވި އެ ޓީމަށް މަރުހަބާ ދެންނެވީ ހާރިޖީ ވުޒާރާގެ އިސްބޭފުޅުންނާއި، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ރާއްޖެއަށް އިންޑިއާއިން ފޮނުވި ޓީމުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންގެ އިިތުރުން ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުންވެސް ހިމެނެއެވެ.
އިންޑިއާގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އައިސްފައިވާއިރު އެގައުމުން ވަނީ މީގެއިތުރުން ކޮވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެއަށް ހަދިޔާ ކުރުމަށްވެސް ނިންމާފައެވެ. މި ބޭސްތަކަކީ އިންޑިއާއިން އެކްސްޕޯޓު ކުރުމަށް މަނާ ކޮށްފައިވާ ބޭސްތަކެކެވެ. ނަމަވެސް އެ ބޭސްތައް ރާއްޖެއަށް ހަދިޔާ ކުރުމަށް އިންޑިއާއިން ނިންމީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ.
އިންޑިއާގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އައިސްފައިވާއިރު ކޮވިޑް-19ގެ ނުރައްކާ ދެކުނު އޭޝިއާގެ ގައުމުތަކަށް އައުމާ ގުޅިގެން އެ ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ މަޝްވަރާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދައުވަތު ދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިއަދު އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.