ކުރިން ވިސާ ނުގެމުކާ ނުލައި ދިވެހިންނަށް ސްރީލަންކާއަށް މިހާރުވެސް ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިހާރުވެސް ދިވެހިންނަށް އޮންނަ އުސޫލުން ވިސާ ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް އެގައުމަށް ދަތުރުކުރާ ފަރާތްތަކުން އެގައުމުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި އެ ގައުމަށް ދިއުމަށްފަހު ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު ލަންކާއިން ވަނީ ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލާފައެވެ. ލަންކާއިން ވެސް ކޮވިޑް19 ފެނިފައިވާ ދަނޑިވަޅެއްގައި އެގައުމުން ބުނެފައި ވަނީ ގައުމުން ބޭރުގެ މީހުންނަށް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އަދި ވިދާޅުވީ ލަންކާއާއި ރާއްޖެއާ ދެމެދު ވިސާއާ ގުޅޭ ގޮތުން ސޮއިކޮށްފައިވާ އެގްރީމަންޓުގެ ދަށުން ދިވެހިންނަށް އެއްވެސް އުނދަގުލެއް ނެތި ވިސާ ލިބިގެންދާނެ ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން ތައިލެންޑުންވެސް މިހާރު ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލާފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑް19 ބަލި ފެނިފައި ވާއިރު ކޮވިޑު-19 އަކީ ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅާފައެވެ. ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅަނީ ދުނިޔޭގެ ގިނަ ސަރަހައްދުތަކަކަށް އެ ބައްޔެއް ފެތުރިގެން ދިއުމުންނެވެ. ކޮވިޑް-19 މިހާރު ވަނީ ޗައިނާއިން، ޔޫރަޕުން، އެފްރިކާއިން، އޭޝިއާއިން ގޮސް މެދުއިރުމައްޗަށް ފެތުރިފައެވެ.