ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނާ ބައްދަލުކުރައްވާފައި ނުވާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ ސަރުކާރުން ކޮވިޑް 19 ގެ މައުލޫމާތުތަށް ފޮރުވަން މަސައްކަތް ކުރަމުންދާ ކަމަށާ ރާއްޖޭގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް އަމަލުކުރަން މަސައްކަތް ނުކުރާކަމަށް ވިދާޅުވެ، އޭނާ ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އަދި އެއީ ރައްޔިތުންނަށް އެނގެން ޖެހޭނެ ކަންކަން ކަމަށާއި ސަރުކާރުން ސިއްހީ ދާއިރާގެ ބޭފުޅުންގެ އިރުޝާދުތަކަށް ބޯ ނުލަނބާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސައީދު މިހެން ވިދާޅުވީ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ބަލީގެ ހަ މީހަކު ރާއްޖެ އިން ފެނުމާ ގުޅިގެނެވެ.

ކޮވިޑް 19 އާ ގުޅިގެން ދަރުބާރު ގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރަނީ ސްކޫލްތައް ހުންނަ ސަރަހައްދެއް ނުވަތަ ސިޓީއެއްގެ ހާލަތު ބަދަލުވުމުން ކަމަށާއި އެ ހާލަތު ރާއްޖޭގައި އަދި ނެތް ކަމަށެވެ. އަދި ވަރަށް އަވަހަށް ރައީސް ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށާއި ނަމަވެސް ބައްދަލު ކުރައްވާނެ ވަކި ތާރީހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

ސަރުކާރުން އެހެން ބުނެފައި ވާއިރު، ކުޑަކުދިންގެ ބަަލިތަކުގެ ހާއްސަ ޑރ. އަބްދުﷲ ނިޔާފުއާއި މެޑިކަލް އެސޯސިއޭޝަނުން ވަނީ މި ވަގުތަށް ސްކޫލްތައް ބަންދުކުރުމަށްވެސް ގޮވާލައިފައެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ސަރުކާރުން އަޅާފައެއް ނުވެއެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 6 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެކެވެ.