ނިމިދިޔަ 2019 ވަނަ އަހަރަކީ ދުނިޔޭގެ ތާރީހު ދުށް، 2 ވަނައަށް އެންމެ ހޫނު އަހަރުކަން، ދުނިޔޭގެ މޫސުމާ ބެހޭ އިދާރާއިން އާންމުކުރި ސްޓޭޓް އޮފް ދަ ގްލޯބަލް ކްލައިމެޓް އިން 2019 ރިޕޯޓް ބުނެފިއެވެ.
މި ރިޕޯޓް ފަށަމުންވެސް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާއިން ދީފައިވަނީ ކަންބޮޑުވާންޖެހޭ ވަރުގެ މެސެޖެކެވެ. އެގޮތުން، ޕެރިސް އެގްރީމަންޓްގައި ބަޔާންކޮށްފައިވާ ފަދައިން ދުނިޔޭގެ ފިނިހޫނުމިނުން 1.5 ޑިގްރީ ސެލްސިއަސް ދަށްކުރުމަށް ހިފާފައިވާ އަމާޒަށް ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާކަން، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ ކަނޑުތަކުގެ ހާލަތާ ބެހޭ ގޮތުން އެކުލަވާލާފައިވާ ބާބުންވެސް ދެނީ މިފަދަ މެސެޖުތަކެކެވެ.
މެރިން ހީޓްވޭވްސް (ކަނޑުގެ ލޮނުގަނޑު ހޫނުވުން)
ވައިގެ ތެރެއަށް އަރައިގެންދާ ބޭކާރު ހަކަތައިން 90 ޕަސެންޓްއަށްވުރެ ބޮޑުބައި އެނބުރި ޖަމާވަނީ ކަނޑުގެ ސަރަހައްދަށެވެ. ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ 2 ކިލޯމީޓަރު ފުނަށް ބަލާއިރު، 2019 ވަނަ އަހަރު ރެކޯޑްކުރެވުނު ފިނިހޫނުމިނަކީ 2018 ވަނަ އަހަރަށްވުރެ ހޫނު މިންވަރެކެވެ. އެވަރޭޖުކޮށް ބަލާއިރު، އަހަރެއްގެ 12 މަސްދުވަހުގެ ތެރެއިން 2 މަހެއްހާ ދުވަހު ކަނޑުގެ ލޮނުގަނޑު އޮތީ އާދަޔާ ހިލާފަށް ހޫނުކޮށެވެ. ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ 84 ޕަސެންޓް ސަރަހައްދަކީ 1 އަހަރު ތެރޭ މަދުވެގެން 1 ފަހަރު ހީޓްވޭވްއެއް ނުވަތަ އާދަޔާ ހިލާފަށް ލޮނުގަނޑު ހޫނުވުމުގެ މައްސަލަ ތަހައްމަލު ކުރި ސަރަހައްދެއްކަމަށް މި ރިޕޯޓް ބުނެއެވެ.
ކަނޑުގެ ލޮނުގަނޑު ހޫނުވުމަކީ އޭގެ އަސަރު ދުނިޔޭގެ މޫސުމީ ނިޒާމަށް ކުރާނެ ކަމެކެވެ. މިއީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ 30 ޕަސެންޓް ހިއްސާވެސް އޮންނަ ކަމެއްމެއެވެ. އެއީ ކަނޑުގެ ލޮނުގަނޑު ހޫނުވެގެން އުފުލޭ އުފުލުމެވެ. 2019 ވަނަ އަހަރަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ތާރީހުގައިވެސް އެންމެ ބޮޑަށް ކަނޑުގެ ލޮނުގަނޑު އުފުލިގެން ދިޔަ އަހަރެވެ.
މީގެ އިތުރުން އޮޝަން އެސިޑިފިކޭޝަން އާއި ޑީއޮކްސިޖަނޭޝަންއާއިއެކި ކަނޑުގެ ލޮނުގަނޑު ހޫނުވެގެން ދިއުމަކީ، ކަނޑުގެ ދިރުންތަކަށްވެސް ނޭދެވޭ ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއްކަމުގައި މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އޯޝަން އެސިޑިފިކޭޝަން
އޯޝަން އެސިޑިފިކޭޝަންއަކީ އެޓްމޮސްފިއާ ނުވަތަ ދުނިޔޭގެ ވައިގެ ފަށަލާގައި ކާބަންޑައިއޮކްސައިޑް ގިނަވެގެން ކަނޑުގެ ލޮނުގަނޑުގެ ޕީއެޗް ލެވަލް ދަށްވުމުން މެދުވެރިވާ ހާލަތަކެވެ.
2009-2018 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރު އަހަރެއްގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވެގެންދިޔަ ކާބަންޑައިއޮކްސައިޑްގެ 23 ޕަސެންޓް ދަމާލަނީ ކަނޑުތަކަށެވެ. މިކަމުގެ ސަބަބުން މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަވި ކަމުގައި ވީ ނަމަވެސް، ކަނޑުގެ އެސިޑިޓީ މަތިވެއެވެ. މީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އެކަށީގެންވާ ވެއްޓެއް ނުލިބެއެވެ. ބައެއް ކަހަލަ ތޮށިލީ ދިރޭތަކެއްޗަށް ފުރިހަމައަށް ހެދި ބޮޑުވުމުގެ ފުރުސަތު ގެއްލެއެވެ. ފަރުގެ ބައެއް ކަހަލަ މުރަކަތައް ކުރިލާ ހެދުމަށްވެސް ހުރަސްތަކެއް ކުރިމަތިވެ، ކަނޑުގެ ދިރުންތައް ހީނަރުވެއެވެ.
އޯޝަން ޑީއޮކްސިޖެނޭޝަން
އޯޝަން ޑީއޮކްސިޖެނޭޝަންއަކީ އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން ކާބޮންޑައިއޮކްސައިޑް ބޭރުކުރާ މިންވަރު އިތުރުވެ، ކަނޑުގެ ލޮނުގަނޑުގައި އޮކްސިޖަން އެކުލެވެން ޖެހޭ މިންވަރަށް އެކުނުލެވޭ ސަރަހައްދުތައް އިތުރުވުމެވެ.
މާސިންގާ ކަނޑާ އައްސޭރި ފަށުގެ ސަރަހައްދުތަކުގެ އިތުރުން ކޯރުތަކުން ކަނޑާ ގުޅިފައިވާ ސަރަހައްދުތަކާ، ބެދިފައިވާ ކަނޑުގެ ސަރަހައްދުތަކުގައިވެސް މިކަން އޮތީ މިހެންކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ ކަނޑުގެ ދިރުންތައް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީވެސް ކަނޑުގެ ލޮނުގަނޑު ހޫނުވުމާ، އެސިޑިފިކޭޝަންއާއިއެކު ޑީއޮކްސިޖެނޭޝަންގެ މައްސަލަ ކުރިމަތިވުމެވެ. ކަންމިހެން އޮތްއިރުން، އިންސާނީ ދަރިފަސްކޮޅަކީ ކަނޑުގެ ދިރުންތަކަށް އިންތިހާއަށް ބަރޯސާވެފައިވާ ބައެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.
ދުނިޔޭގައި ގުދުރަތީ ގޮތުން އުފެދިފައިވާ އެންމެ ބޮޑު ފަރު ނުވަތަ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްވެސް މިވަގުތު އޮތީ އިންތިހާ ނުރައްކަލުގެ ތެރޭގައެވެ. އެސަރަހައްދުގެ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވެ، ގާ ހުދުވުމުގެ މައްސަލަތަކާ ވަނީ ކުރިމަތިވެފައެވެ.
މިހުރިހާ ކަމަކަށް ބަލާއިރުވެސް ނުރައްކާ ބޮޑީ ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމުތަކަށެވެ. ކަނޑުގެ ދިރުންތަކާ، ކަނޑު ރޯއްޖަށް އިންތިހާއަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމުތަކަށެވެ. ދިވެހި އިގުތިސޯދާ ފަރުދީ މަސައްކަތްތެރި ކަމަށް ބަލާއިރުވެސް އާމްދަނީގެ މައިގަނޑު 2 އަސާސް ގުޅެނީ ކަނޑުފަޅާއެވެ. ލޭނަރު ކަމުގައި ބަލަމުން އަންނަ މަސްވެރިކަމުން ފެށިގެން ގޮސް އެންމެ ޒަމާނީ ކުރިއެރުމާއެކު ތަހުޒީބު ކުރަމުންދާ ފަތުރުވެރިކަމުގެ ސިނާއަތަށް ބެލި ކަމުގައި ވީ ނަމަވެސް އެކަށީގެންވާ އާމްދަނީއެއް ލިބެން އޮތީ ކަނޑުފަޅު ހިމާޔަތްކޮށްގެންނެވެ.