ކޮވިޑް-19 ޖެހިފައިވާ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔުމުގައި އިހުމާލުވެފައި ވޭތޯ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މި މައްސަލަ ބަލަން ފަށާފައި މިވަނީ ކޮވިޑް-19 ޖެހިފައިވާ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ފުލުހުންގެ މައްޗަށް އަމުރުކުރެއްވުމުންނެވެ.

މި މައްސަލާގައި ފުލުހުން ބުނީ ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން ދަނިކޮށް، 2020 ފެބްރުއަރީ 23 ވަނަ ދުވަހުގެ ވަގުތެއްގައި ދިވެހިރާއްޖެ އައިސް، ޅ.ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވާއި ކަމަށްވެސް ފުުހުން ބުންޏެވެ.

"އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ދިވެހިރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްހަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުއާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް އެ މައްސަލަ 2020 މާރޗް 10 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގު ކުރަން ފަށާފައިވާކަން ދަންނަވަން،" ފުލުހުން ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 4 މީހަކު ފެނިފައިވާ އިރު ފުރަތަމަ ފެނިފައިވާ ދެމީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނެވެ. އަނެއް ދެމީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި 2 މީހުންނެވެ. ކުރެއްދޫން ދެ މުވައްޒަފުން ޕޮޒިޓިވްވެފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ފުރާއިގެން ދިޔަ ފަތުރުވެރިއެއް ކޮރޯނާއަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެހެންކަމުން އެ ރިސޯޓުގެ ސްޓޭޓަސް ލެވެލް އޮރެންޖަށް މަތިކޮށް އެ ރިސޯޓުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. ގަ