ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ނުރައްކާތެރި ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ހުރި ގައިދީންނާއި ބަންދުގައި ބަހައްޓާފައި ތިބޭ މީހުން ކޯޓުތަކަށް ހާޒިރު ނުކުރުމަށް ކޯޓުތަކުން މޯލްޑިވްސް ކަރެކްޝަންސް ސާވިސްއަށް އަންގައިފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 ވައިރަހަށް ރާއްޖޭގައި ހަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ގައުމުގެ ހާލަތު "ޔެލޯ" އެލާޓަށް މަތިކޮށްފައި ވާތީ، ރައްކާތެރިވުމުގެ ގޮތުން އެ ސާވިސްއިން ޖަލުތަކުގެ ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި ނެޝަނަލް ޓާސްކްފޯސްއާ ގުޅިގެން ގައުމީފެންވަރުގައި އަޅަން ހަމަޖައްސާފައިވާ އުސޫލުތަކާއި އެއްގޮތަށް ގައިދީންނާއި ބަންދު މީހުން އަދި ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތީ އެންމެހާ ކަންތައްތަށް ކުރަމުން ގެންދާ ކަމަށްވެސް އެ ސާވިސް އިން ބުންޏެވެ.

އެ ގޮތުން ހުން އައިސް، ކެއްސައި، ކިނބިހި އަޅާ އެއްވެސް އޮފިސަރަކު ގައިދީންނާ ދިމާނުވާނޭ ފަދައިންތިޒާމްތައް ހަމަޖައްސާފައިވާއިރު، ގައިދީއެއް ނުވަތަ ބަންދު މީހެއްގެ ކިބައިން މިފަދަ އަލާމާތްތައް ފާހަގަ ކުރެވިއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅުތައް ވަނީ ކަނޑައަޅާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި ޖަލަށް ޑިއުޓީ ކުރަން ވަންނަ އޮފިސަރުންގެ ހުން ޗެކްކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

"ކޯޓުތަކުގެ އެދުމުގެ މަތިން ހުން އައިސް، ކެއްސައި، ކިނބިހިއަޅާ ޤައިދީންނާއި ބަންދުމީހުން ކޯޓަށްހާޒިރުކުރުން މަޑު ޖައްސާލުމަށް ވަނީ ނިންމާފައެވެ. އަދި ހަމަ މި މިފަދައިން ހުން އައިސް، ކެއްސާ، ކިނބިހި އަޅާއެއްވެސް ފަރާތެއް ގައިދީންނާއެކު އާއިލީ ނުވަތަ އެކަހެރި ބައްދަލުވުމަށް ހާޒިރުނުވުމަށް އާއިލާތަކަށް މި ސާވިސްއިން އިލްތިމާސްކުރަމެވެ،" ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް އަންނަ މީހެއްގެ ފަރާތުން ރޯގާގެ އެއްވެސް އަސަރެއް ފެނިއްޖެނަމަ، ބައްދަލުވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ އަންގައިފައެވެ. މިގޮތަށް ބައްދަލުވުން ކެންސަލްވާ ފަރާތްތަކަށް އޭގެ ބަދަލުގައި ފޯން ކޯލުގެ އިތުރު ފުރުސަތެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮވިޑް19 ޖެހިފައިވާ 6 މީހަކު ރާއްޖެއިން ވަނީ ފެނިފައެވެ. އެ މީހުންގެ ތެރެއިން ހަތަރު މީހަކީ ކުރެއްދޫ އައިލެންޑު ރިސޯޓުގެ ހަތަރު ބިދޭސީއެކެވެ. ދެން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ސޭންޑީޒް ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ ދެ ފަތުރުވެރިންނެވެ.

މިވަގުތު ފަރުކޮޅުފުށީގައި 9 މީހަކު އައިސޮލޭޓް ކޮށްފައިވާއިރު، ވިލިވަރުގައި 9 މީހަކު އައިސޮލޭޓް ކޮށްފައިވެއެވެ. އަދި އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓްވި 230 މީހުންގެ ތެރެއިން 83 މީހަކު ހޯން އައިސޮލޭޝަނުގައި ބަހައްޓާފައިވެއެވެ.