މިއަދަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުހެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މިފަދަ ދުވަހެއްގައި ރާއްޖެ ފަހުރުވެރިވާ ވަރުގެ ކަމީޔާބީއެއް ހޯދަމުންދާ އަންހެނެއްގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ނޯންނާނެއެވެ. އަންހެނުންގެ ދުވަހަށް ހާއްސަކޮށް ދުނިޔޭގެ ފެންވަރުގައިވެސް އަންހެނުން އެންމެ މަދުން ފެންނަ އެއް ދާއިރާއިން ވިދާލައިގެން ގޮސްފައިވާ އައިޝަތު އާމިރާ، (މިރާ) އަކީ ކޮންމެ ދިވެހި އަންހެން ދަރިއަކަށް ނަމޫނާއެކެވެ.

ހިދުމަތުގައި 19 އަހަރު ގުނަމުން ދާ ވޭލް ސަބްމެރިން މޯލްޑިވްސްގެ ޗީފް ޕައިލެޓްގެ މަގާމްގައި މަސައްކަތް ކުރަމުންދާ އަމިރާ، އެ ކުންފުނީގައި މަސައްކަތް ކުރާތާ 18 އަހަރު ވީއެވެ. އެންމެ ފުރަތަމަ ވޭލް ސަބްމެރިންގެ "ހޮސްޓެސް" އެއްގެ ވަޒީފާއަށް ވަތް އާމީރާ ހަރުފަތްތައް ގިރާކުރަމުން މިހާރު ވަނީ ޗީފް ޕައިލެޓްގެ މަގާމާ ހަމައަށް ގޮސްފައެވެ.

ވޭލް ސަބްމެރިން މޯލްޑިވްސް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ޑައިވް ކުރުމަށާއި ކަނޑުއަޑީގެ ގުދުރަތީ އަޖައިބު ކުރުވަނިވި މާހައުލަށް ފުން ލޯތްބެއް އުފެދިފައި އޮތް އާމިރާ ސަބްމެރިން ދުއްވުމަށް ހުންގާނުގައި ހިފީ އެ މަސައްކަތް ކުރުމަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. އަދި އޭނާ އެދުނު ފުރުސަތު ފަހިކޮށް ދިނުމާއެކު އެ ފަދަ ބޮޑު އިތުބާރެއް އޭނާއަށް ކުރިކަމަށްޓަކައި ވޭލް ސަބްމެރިންގެ މެނޭޖްމަންޓަށް ހާއްސަ ޝުކުރެއް އާމިރާ އަދާކުރިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވޭލް ސަބްމެރިން މޯލްޑިވްސްގެ ފައުންޑާ އުމަރު ނަސީރު ވިދާޅުވީ، އާމިރާއަކީ ވަރަށް ޑެޑިކޭޓެޑް ސްޓާފެއް ކަމަށެވެ. އާމިރާ ފުރަތަމަ އެ ކުންފުންޏާ ގުޅުނީ ފަސިންޖަރުން ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރާ ސްޓާފެއްގެ ގޮތުގައި ކަމަށް އުމަރު ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ނަމަވެސް އާމިރާ ޕައިލެޓަކަށް ވާން ބޭނުން ވެގެން ރިކުއެސްޓް ކުރުމުން އެކަމާ ދެހިޔާލެއް އުފެދުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަންހެން މުވައްޒަފަކަށް ވީމައި އެވަރުގެ ކަމެއް ވާނެ ކަމާމެދު އޭރު ޝައްކު އުފެދުނު ކަމަށް އުމަރު ވިދާޅުވިއެވެ.

"އާމިރާ އަކީ ވަރަށް ޑެޑިކޭޓެޑް ސްޓާފެއް. އޭނާ ޕައިލެޓަކަށް ވާން އެންމެ ފުރަތަމަ އެދުނު އިރުގައިވެސް އަޅުގަނޑުމެންނަށް ވަރަށް ޝައްކުވެސް އެކަން ވާނެތޯ ނުވަތަ ނޫންތޯ. ދެ ހިޔާލެއްގައި ތިބެގެން އޭނާއަށް ފުރުސަތު ދިނީ. އެއީ އަންހެނަކަށް ވާނެތޯ ނުވަތަ ނޫންތޯ އެ ދެހިޔާލު."
އުމަރު ނަސީރު

ނަމަވެސް އާމިރާގެ މިންނަތް މަސައްކަތުން އޭނާ ވަނީ އަންހެނަކަށް ވިޔަސް ކަމެއް ކުރުމަށް އަޒުމް ކަނޑައަޅައިފިއްޔާ ކޮންމެ ކަމެއްވެސް ވާނެކަން ސާބިތުކޮށްދީފައެވެ. މިއަދާ ހަމައަށް އައި އިރު އާމިރާ ވަނީ ޖުމްލަ 3102 ޑައިވް ކޮށްފައެވެ. މި ހިސާބަށް އައުމުގައި މަސައްކަތުގެ މާހަލުގައި ކޯ ސްޓާފުންނާއި މެނޭޖްމަންޓްގެ އެހީތެރިކަން ފާހަގަކުރަމުން އާމިރާ ވަނީ އޭނާގެ ފިރިމީހާ އަދި އާއިލާއިން ދޭ އެއްބާރުލުންވެސް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

އަންހެނުންގެ ހާއްސަ ދުވަހާ ދިމާކޮށް އާމިރާ ވަނީ ރާއްޖޭގެ ހުރިހާ އަންހެނުންނަށް ހާއްސަ މެސެޖެއްވެސް ދީފައެވެ. އަންހެނަކަަށް ވީތީ ކަންކަން ނުވާނެއޭ ބުނެ އުޅޭ ފަރާތްތަކަށް ރައްދު ދެމުން އާމިރާ ބުނީ، އަންހެންކަށް ވިޔަސް އެމީހަކު ކުރަން އަޒުމް ކަނޑައަޅާއިފި ކަމެއް ކުރެވޭނެ ކަމަށެވެ. އަދި މަސައްކަތަކުގައި ކާމިޔާބީ ހޯދުމަށް ކުރިއަރައިގެން ދާން ބޭނުންވާ ނަަމަ "ޑެޑިކޭޝަން" އަކީ މުހިއްމު އެއްޗެއް ކަމަށެވެ. ހަމައެއާއެކު އިހްތިރާމާއި ލޯބި ލިބިގެން ކުރިއަށް ދިއުމަށް ބޭނުންވާނީ ރިވެތި އަހަލާގް ކަމަށް އާމިރާ ފާހަގަކުރިއެވެ.

ވޭލް ސަބްމެރިން މޯލްޑިވްސް ޗީޕް ޕައިލެޓް އައިޝަތު އާމިރާ / ފޮޓޯ: އައިޝަތު ޝަޒްލީން | ދަ ޕްރެސް
"އަންހެނަކަށް ވިޔަސް ކޮންމެ ކަމެއްވެސް ވާނެއޭ ބުނާނީ. އެ ޑެޑީކޭޝަންއާ އެ މައިންޑްސެޓް އިނިއްޔާ ހަމަ ވާނެ. ފިރިހެނުންނަށް ވުރެ އަނހެނުން އެންމެ ތަންކޮޅެއްވެސް ދަށެއް ނުވާނެ. އެ މެންތާލިޓީ އިންދެގެން ވާނީ. ދެން އުންމީދަކީ ރާއްޖޭގެ އަންހެނުންގެ ތެރެއިން މަސައްކަތުގެ މައިދާނުގައި ދުނިޔޭގެ ފެންވަރުގައި ފިޔަޖަހާލާ އެތައް ދިވެހިންނެއް ދުށުން."
އައިޝަތު އާމިރާ

އެއް ދުވަހުން އަނެއް ދުވަހުން މަސައްކަތުގެ ފެންވަރު ރަނގަޅު ކުރަން އަޒުމް ކަނޑައަޅައިގެން ކުރިއަށް ދާން މަސައްކަތް ކުރާނަމަ އެންމެންގެ ލޯތްބާއި އިހްތިރާމް ލިބޭނެ ކަމަށް އާމިރާ ބުނެއެވެ. އަދި އަލަށް ވަޒީފާގެ މައިދާނަށް ނުކުންނަ އަންހެން ކުދިންނަށް ވެސް މި ދާއިރާއަކީ އިންޓަރެސްޓް ހުރެގެން ކުރިއަށް ދާން ބަލައިފި ނަމަ ވަރަށް ރަނގަޅު ދާއިރާއެއް ކަމަށް އާމިރާ ބުނެއެވެ.

މަސައްކަތުގެ މައިދާނުގައި އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި އެކަންކަމާ ކުރިމަތިލާ ހިތްވަރުގަދަ މީހަކަށް ވުމަކީ މިއަދު އޭނާއަށް މިހާ ހިސާބަށް އާދެވުނު ގޮތްކަމަށަ އާމިރާ ބުނެއެވެ. އެހެންކަމުން އާމިރާ މި ވަނީ އަންހެނަކަށް ވީތީ ނުވާނެކަމަށް ޝައްކު އުފެއްދި ކަމެއް ކުރެވިދާނެ ކަން ސާބިތުކޮށްދީފައެވެ.

ވޭލް ސަބްމެރިން މޯލްޑިވްސް ޗީޕް ޕައިލެޓް އައިޝަތު އާމިރާ / ފޮޓޯ: ވޭލް ސަބްމެރިން މޯލްޑިވްސް

ދުނިޔޭގެ ރެކޯޑަކާ ހަމައަށް ގޮސްދާނެ ކަމަށް އުންމީދުވެސް ނުކޮށް ހުއްޓާ އެކަން ހާސިލް ވުމުން އޭނާ ވަރަށް ހައިރާނެވެ އުފާ ކުރިއެވެ. އަދި އަންހެނަކަށް ވީތީ ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެއެވެ. އާމިރާގެ އުންމީދަކީ މިފަދައިން މަސައްކަތުގެ މާހައުލުގައި ދުނިޔޭގެ ލެވެލްގައި ޗެލެންޖް ކުރެވޭ ފަދަ އެތައް ދިވެހި އަންހެން ކުދިންތަކެއް ފެނުން ކަމަށް ބުނެއެވެ.

ކަނޑުގެ 50 ފޫޓު 120 ފޫޓާ ދެމެދުގެ އަޑިއަކަށް އެވްރެޖުކޮށް ކޮންމެ ދުވަހަކު އާމިރާ ދެ ޑައިވް ކުރެއެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އާމިރާ ޑައިވް ކުރި އަދަދު 3000އަށް އެރުމާއެކު ވޭލް ސަބްމެރިންގެ ފަރާތުން ވަނީ ގިނީސް ވޯލްޑް ރިކޯޑުގައި އާމިރާގެ ނަން ލިސްޓު ކުރުމަށް އެދި ހުށަހަޅާފައެވެ. އެ ކުންފުނީގެ ފަރާތުން ބުނެފައި ވަނީ އާމިރާ އަކީ ހީވަގީ ރަނަގޅު މުވައްޒަފެއް ކަމަށާއި އާމިރާގެ މިންނަތް މަސައްކަތް ފެނި އެފަރާތުން ފަހުރުވެރިވާ ކަމަށެވެ.