ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު 1 އަށް ފުލުހަށް ހާޒިރު ވާން އަންގައިފިއެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ވާން އަންގާފައި ވަނީ ކޮން މައްސަލައަކާ ގުޅިގެން ކަން ސާފެއް ނުވެއެވެ. ނަމަވެސް 'ދް ޕްރެސް' އަށް އެނގިފައިވާ ގޮތުގައި، ވަގުތު ކުޑަތަންވެފައި ވަނިކޮށް ފުލުހަށް ހާޒިރު ވާން ޔާމީނަށް އެންގުމުގެ ސަބަބުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ވަކީލު ބައްދަލުވުން ކެންސަލް ކުރަން އެދިފައެވެ.

މިއަދު ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް އަންގާފައިވާއިރު، އެމަނިކުފާނު ވަނީ މިދިޔަ މަހު 27 ވަނަ ދުވަހާއި، މިމަހު 3 ވަނަ ދުވަހު ވެސް ފުލުހަށް ހާޒިރުކޮށްފައެވެ. މިމަހު 3 ވަނަ ދުވަހު އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފައި ވަނީ، ފެބްރުއަރީ 27 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށް، ނެގި ބަޔާން ފައިނަލްކޮށް، އެ ބަޔާނުގައި ސޮއި ކުރުމަށްޓަކައެވެ.

ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުޜީ އެތައް މިލިއަން ޑޮލަރެއް ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަހުގީގުކުރެވި ޝަރީއަތް ހިންގިފައިވާ މައްސަލައެއްގައި ނޫން ކަމަށެވެ.

ފުލުހުން ބުނީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރި މައްސަލާގައެވެ. އެގޮތުން، އެ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 (ހަތްދިގެ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން އެމަނިކުފާނާއި ސުވާލު ކުރެވިގެން ދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ރައީސް ޔާމީން ހާޒިރުކޮށް ސުވާލުކުރެވުނު ކަންކަމުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރުފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީ އަށް 220,704.5461 (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ) ރުފިޔާ ހޯދުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެ، އެފައިސާލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހިމެނޭ ކަމަށެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާކަމުގެ ތުހުމަތު ރައީސް ޔާމީނަށް ވަނީ ކޮށްފައެވެ. އެގޮތުން، މަގާމުގެ ނުފޫޒުކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ފުލުހުން ވަނީ އެމަނިކުފާނާއި ސުވާލު ކޮށްފައެވެއެވެ.