ރައީސް ޔާމީން ދާދި ދެންމެ އަކު 1 ގަޑިއިރަށް ގެއަށް ގެންގޮސްފިއެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ ގެކޮޅަށް އެއްގަޑިއިރު ގެންގޮސްފައިވަނީ މިއަދު ހައި ކޯޓުގައި އޮތް އިސްތިއުނާފު އަޑު އެހުން ނިމުމަށްފަހުގަ އެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ އެމަނިކުފާނުގެ ގެކޮޅުގައެވެ. އަދި އެމަނިކުފާނާއެކު، ކަރެކްޝަންސްގެ މުވައްޒަފުންނާއި ފުލުހުންވެސް އެގޭތެރޭގައި ތިބި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ޔާމީން ގެކޮޅަށް ގެންދިޔުމާ ގުޅިގެން އެ ސަރަހައްދަށް އެމަނިކުފާނުގެ ބައެއް ސްޕޯޓަރުން ވަނީ އެއްވެފަ އެވެ.

އެނގިފައިވާގޮތުގައި ރައީސް ޔާމީން ގެކޮޅަށް ގެންދިޔައީ އެމަނިކުފާނު އެދިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެމަނިކުފާނުގެ ގެކޮޅަށް ގެންދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައެއް ނުވެއެވެ.

ޔާމީން ގެކޮޅު ކައިރީގައި ފުލުހުންނާއި އާންމުންގެ ބައެއް މީހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެއް ގަޑިއިރަށް ގެއަށް ވަޑައިގެންނެވުމަށް ހުއްދަ ދީފައި ވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ނިންމާ، 5 އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިއަދު ފުރަތަމަ ފަހަރަށެވެ.

މިދިޔަ ނޮވެމްބަރު 28 ވަަނަ ދުވަހުން ފެށިގެން ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނު ވަނީ 2 ފަހަރު ބޭސް ފަރުވާއަށް މާލެ ގެނެސްފައެވެ. އަދި ދެ ފަހަރު ފުލަހަށް ހާޒިރުކޮށްފައި ވާއިރު، 5 ފަހަރު ކޯޓަށް ހާޒިރުކޮށްފައެވެ.

ޔާމީން ގެކޮޅު ކައިރީގައި ފުލުހުން ހަރަކާތްތެރި ވަނީ

ރައީސް ޔަމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއްވަނީ އިއްވަވާފައެވެ. މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.

އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ޔާމީން މިނިވަން ކުރެވެން ނެތް ކަމަށެވެ. ޔާމީންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެކަމާ ގުޅޭ ގޮތުން އަދި އެއްވެސް ގޮތެއް ނުނިންމައެވެ.