މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހޫނުފެނުން ފެން ވެރުއްވޭނެ ކަމަށާއި ކޭބަލް ޓީވީވެސް ބެއްލެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އިމްރާން ވިދާޅުވީ ބައެއް މީހުންނަށް ޖަލުގައި މީގެ ކުރިން ނުލިބޭ ހިދުމަތްތަށް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން ފާހަގަ ކުރެއްވި މުހިންމު ދެކަމަކީ، ކޭބަލް ޓީވީއާއި ހޫނު ފެން ލިބެން ހުރުމުމެވެ. އަދި ގޮދަޑި އެނދުވެސް ހުންނަކަން އިމްރާން ފާހަގަ ކުރައްވާފައިވެއެވެ.

އިމްރާން މިވާހަކަ ދައްކަވާފައި މިވަނީ، ރައީސް ޔާމީނު ޖަލުގައި ހުންނެވީ ވަރަށް ހާލުގައި ކަމަށާއި ހިކި އަނަރޫފަވެފައި ވާކަމަށް އިދިކޮޅުން ބުނަމުން ދާތީއެވެ.

އިމްރާން، ޔާމީނާ ބައްދަލުކުރައްވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހެވެ. އިމްރާން ވިދާޅުވީ، އޭނާ ރައީސް ޔާމީނާ ބައްދަލު ކުރެއްވީ ޑީލެއް ހައްދަވަން ނޫން ކަމަށާއި، އަދި ޑީލެއް ހެދުމުގެ ވާހަކަ ބަޔަކު ދައްކަނީ އެހެން ބޭނުމެއްގައި ކަމަށެވެ.

ޔާމީނާއެކު ޑީލެއް ނަހައްދަވާނެ ކަން ހާމަ ކުރައްވަން އިމްރާން ވިދާޅުވީ، އިމްރާނަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެތައް ދުވަހެއް ވާންދެއް ބަންދުކޮށްފައި ބެހެއްޓި ބޭފުޅެއްކަމަށާއި އެކަން ހިނގާ ދިޔަގޮތް ރާއްޖޭގެ ރައްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށެވެ.

އިމްރާން ވަނީ ރައީސް ޔާމީންއާ ބައްދަލުކުރައްވައި އެ މަނިކުފާނުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާއެވެ.