އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިން ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާކޮށްފިއެވެ. އާތިފަކީ އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާއެވެ. އާތިފުގެ މައްޗަށް ދައުވާ ކުރީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގައެވެ.

އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިން ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާކޮށްފިއެވެ. އާތިފަކީ އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާއެވެ. އާތިފުގެ މައްޗަށް ދައުވާ ކުރީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގައެވެ.

އާތިފްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ އާތިފްގެ އެންގުމަކަށް ކަމަށެވެ.

އެފްއައިޔޫން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓުގައި ވާގޮތުން، ތުހުމަތު ކުރެވޭ ކުންފުންޏަށް 31 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށް، ޖުމްލަ 8 ޓްރާންސެކްޝަނެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން 47 މިލިއަން ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގާފައިވެއެވެ. އަދި މިފަދަ ވިޔަފާރީގެ މުއާމަލާތްތައް ހިންގޭވަރުގެ ގާބިއްލިއްޔަތު ނެތްކަން އެ ކުންފުނީގެ ޓެކްސް ފައިލިން އަދި އެނުއަލް ރިޕޯޓްތަކުން އެނގޭކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުގެ ތަހުގީގަށް އާތިފް އިއުތިރާފުވެވަޑައިގެންފައި ވަނީ އެ ރިޕޯޓު އެނަލައިޒް ކުރަމުން ދިޔައިރުވެސް، އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ރިޕޯޓު ތަހުގީގު އިދާރާއަކަށް ނުފޮނުވަން ނިންމަވައި ފައިލް ކުރެއްވި އިރުވެސް، އެގޮތަށް ނިންމެވީ އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގިވަޑައިގެން ހުންނަވާ ކަމަށް އާތިފު އޭސީސީގެ ތަހުގީގުގައި ވިދާޅުވެފައި ވާކަމަށް އޭސީސީ ބުނެއެވެ.

މި މައްސަލައިގައި އެނަލިސިސް ރިޕޯޓު ތައްޔާރު ކުރުމުގައި ބައިވެރިވި އެފްއައިޔޫގެ އޭރުގެ މެނޭޖަރުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވާފައި ވާއިރު، އެ އެނަލިސިސް ރިޕޯޓް ތަހުގީގުކުރުމަށް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމި ނިންމުގައި މެނޭޖަރު ބައިވެރިވެފައި ނުވާކަމަށް އޭސީސީން ބުނެއެވެ. އަދި އެ ރިޕޯޓްގައި މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައި ވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އޭރުގެ ގަވަރުނަރު އެގޮތަށް އަމަލުކުރުމަށް އަންގަވައި، އޭނާގެ ނުފޫޒު އޮވެގެންކަން ސާބިތު ކުރެވޭވަރުގެ ހެއްކެއް ކޮމިޝަންގެ ތަހުގީގަށް ލިބިފައި ނުވެއެވެ.

އެފްއައިޔޫގައި މަސައްކަތް ކުރެއްވީ 2014 ވަނަ އަހަރުގެ ނޮވެމްބަރުން ފަށައިގެން، 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި 2015 ވަނަ އަހަރުގެ ޖޫން މަހު، އޭނާ އިސްތިއުފާ ދެއްވީ، އޭރު އެފްއައިޔޫގައި ހިނގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގެ ޔަގީން ކަން ލިބިވަޑައިގަތުމުން، އެފަދަ މަގާމެއްގައި ހުންނަވައިގެން، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނެތީ، އެފަދަ ވަޒީފާއަކުން މުސާރަ ނުނެންގެވުމަށް ކަމަށް "ދަޕްރެސް"އަށް މީގެކުރިން އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، އޭނާ މަގާމު ފުރުއްވި ހަތް މަސް ދުވަހު އެފްއައިޔޫން ހިންގާފައިވާ އަމަލުތަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް މަނީ ލޯންޑަރިންގެ އަމަލުތައް ހިނގަމުން ދިޔަ ކަމަށާއި، އޭނާއަށް ފަހު އެފްއައިޔޫގެ ވެރިޔާގެ މަގާމު ފުރުއްވި ބޭފުޅުން ވެސް އެ ކަމުގެ ޒިންމާ އުފުއްލަވަން ޖެހި ވަޑައިގަންނަވާނެ ކަމަށް އާތިފް ވިދާޅުވިއެވެ.