މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ ޕާމަނަންޓް ސެކްރެޓްރީގެ މަގާމު ދޭނެ ކަމަށް ބުނެ، އެ ވަޒީފާ ނުދިނުމާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހއ.ކެލާ، ފީރޯޒުގެ، ފަތުހުﷲ އިސްމާއިލަށް 278000 ރުފިޔާ ދެއްކުމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނީ، ހައުސިން މިނިސްޓްރީއަށް ފަތުހުﷲ ހަމަޖެހުނު ކަމަށް އެންގި އިރު، އަދާކުރަމުން ދިޔަ ސާކް ކޯސްޓަލް ޒޯން މެނޭޖްމަންޓް ސެންޓަރުގެ ޕްރޮގްރާމް އޮފިސަރުގެ މަގާމު ދޫކޮށްލި ދުވަހުން ފެށިގެން އެ ވަޒީފާގެ މުއްދަތު ހަމަވާ ތާރީހަށް ވާ ފައިސާ އޭނާއަށް ދޭން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތަށްވާ 278000 ރުފިޔާ މިދިޔަ އަންގާރަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސް ކުރުމަށް ހައިކޯޓުން ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް ހުކުމްކޮށްފައެވެ.

ފަތުހުﷲ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އޭނާ ހަމަޖެހުނު ކަމަށް އެންގުމުން އޭނާ އަދާކުރަމުން ދިޔަ ވަޒީފާތައް ދޫކޮށްލާފައިވީ ނަމަވެސް، އޭނާ ވަޒީފާއަށް ނުކުންނަން އަންގާފައި ނުވާތީ ކަމަށެވެ. އޭނާ ވަޒީފާއަށް ނުކުންނަން އަންގާފައި ނުވަނީ، އޭނާ އެމަގާމަށް އައްޔަން ކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ކަމަށް ހައުސިން މިނިސްޓްރީން ވަނީ އޭނާއަށް އަންގާފައެވެ.

ފަތުހުﷲ ދައުވާ ކޮށްފައި ވަނީ އޭނާ އަދާކުރަމުން ދިޔަ ވަޒީފާ ސިވިލް ސާވިސްގެ އެދުމުގެ މަތިން ދޫކޮށްލުމާ ގުޅިގެން އޭނާއަށް ލިބެމުންދިޔަ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ނަމަވެސް، މި މައްސަލާގައި ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ފަތުހުﷲ އައްޔަން ކޮށްފައި ނުވާ ކަމަށާއި، ދައުލަތާއި އޭނާއާ ދެމެދު ގާނޫނީ ގޮތުން އެއްވެސް ބަނދެވުމެއް އޮތް ކަން ކޯޓަށް ސާބިތުކޮށް ނުދެވުނު ކަމަށް ބުނެ، ސިވިލް ކޯޓުން ވަނީ މި މައްސަލަ ސިވިލް ސާވިސް ކޮމިޝަނާ އެއްކޮޅަށް ނިންމާފައެވެ.

ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން މައްސަލަ އިސްތިއުނާފު ކުރުމަށް ފަތުހުﷲގެ ފަރާތުން މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން މައްސަލަ ނިންމާފައި ވަނީ އޭނާއަށް ގެއްލުމުގެ ބަދަލު ލިބޭ ގޮތަށެވެ.

މިހާރު ފަތުހުﷲ އަކީ އެމްޓީސީސީގެ ބޯޑު މެންބަރެކެވެ.