ހުޅުމާލެއަކީ ކޮންބައެއްގެ މިލްކިއްޔާތުގެ ދަށުގައި އޮންނަ ތަނެއް ތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީން ނިންމައިފިއެވެ.
މިކަން ބެލުމަށް ކޮމެޓީން ނިންމީ، ހުޅުމާލޭގެ މިލްކުވެރި ފަރާތަކީ އެޗްޑީސީ ކަމާ މެދު ސުވާލު އުފެދުމުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލަން އެޗްޑީސީން ތައްޔާރު ވަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާ ހަވާލާދީ ބައެއް މީޑިއާތަކުން މީގެކުރިން ވަނީ ރިޕޯޓު ކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެޗްޑީސީއަށް އަމާޒުވިއެވެ. އެހެންކަމުން އެޗްޑީސީން ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ ހުޅުމާލޭން ބިން ވިއްކުމާ މެދު އެ ކޯޕަރޭޝަންގެ ބޯޑުން އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާ ގުޅޭ ގޮތުން އެސްއޯއީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ ދަށުގައި އޮންނަ ތަނެއް ކަމަށާއި އެޗްޑީސީއަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން އުފެއްދި ކޯޕަރޭޝަނެއް ކަމަށެވެ.
ނިހާދު ވިދާޅުވީ، ހުޅުމާލެއަކީ މާލޭގެ އަވަށެއް ކަމަށެވެ. އެހެންކަމުން ހުޅުމާލެއަކީ އެޗްޑީސީގެ މިލްކިއްޔާތުގެ ދަށުގައި އޮތް ތަނެއް ކަމަށް ވާނަމަ، އައްޑޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް ހަދައިގެން އައްޑޫ ހުރިހާ ބިމެއް އެ ކުންފުނީގެ މިލްކިއްޔާތަކަށް ހަދައިގެން އައްޑޫ ތަރައްގީ ކުރަންވީ ކަމަށެވެ.
އެސްއޯއީ ކޮމެޓީގެ މެންބަރުން މިއަދު ނިންމެވީ ކުރިއަށް އޮތްތަނުގައި ހުޅުމާލޭން ބިން ވިއްކުމުގައި އެޗްޑީސީން ގެންގުޅޭ ވިސްނުން ސާފު ނުވާތީ އެކަން އެ ކޯޕަރޭޝަނުން އޮޅުން ފިލުވުމަށެވެ. އަދި ކޮމެޓީގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވީ ކުރިން ވިއްކާފައި ހުރި ބިންތައް ވިއްކާފައި ހުރީ ކޮން ބަޔަކަށްތޯ ވެސް ބަލަންޖެހޭ ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ރެސިޑެންޝަލް ޕްލޮޓްސް ވިއްކާފައި ހުރި ކަމަށް ބޮންޑާ ވިދާޅުވިއެވެ. 2013، 2016 އަދި 2017 ގައި ވެސް ބިން ވިއްކަފައި އެބަހުރި ކަމަށާއި މިހާރު ވިއްކާފައި ހުރި ބިންތަކަކީ ކޮން ބަޔަކަށް ވިއްކާފައި ހުރި ބިންތަކެއްތޯ ބަލަން ޖެހޭ ކަމަށް ބޮންޑާ ވިދާޅުވިއެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަން އިއުލާނު ކުރިއެވެ. ގޯތި ވިއްކަން އިއުލާނު ކުރީ 1000 އަކަފޫޓު ހަތަރު ލައްކަ ރުފިޔާ އަށެވެ. މިދިޔަ ސަރުކާރު ނިމުމާ ގާތްވެފައި ވަނިކޮށް ހައުސިންގް މިނިސްޓްރީން ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އިއުލާން ކޮށްފައިވެއެވެ. އެ ދުވަހު އެތައް ބަޔަކު ކިޔުގައި ޖެހިގެން ވަނީ ހުޅުމާލެއިން ބިން ގަތުމަށް ފޯމު ހުށަހަޅާފައެވެ. ނަމަވެސް އެ މަސައްކަތް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ހުއްޓުވާފައެވެ.
ހުޅުމާލެ އަކީ ދިވެހި އެއްމެހާރައްޔިތުންގެ މިލްކެއް ވަކިބައެއްގެ ތަނެއްނޫން